ފޭދޫގައި ފެން ހިންދާ ނިޒާން ޤާއިމް ކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން ކުރަން ޖެހޭ ދިރާސާ ފަށައިފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި ވޯޓާ ސޮލިއުޝަންސުން ވަނީ މިކަމާ ބެހޭ މައުލޫމާތު އައްޑޫ ސިޓީ ކައުންސިލާ ވެސް ހިއްސާކޮށްފަ އެވެ.
ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ކުންފުނީގެ ފަރާތުން މަޢުލޫމާތު ދެއްވަމުން އެންވަޔަރަންމެންޓަލް ކޮންސަލްޓެންޓް ޙަސަން ޝާޙް ވިދާޅުވި ގޮތުގައި ފެން ހިންދުމުގެ މަޝްރޫއުގެ ތެރެއިން އެ ކުންފުންޏާ ހަވާލު ކުރެވިފައިވާ މަސައްކަތްތަކަކީ ފީސިބިލިޓީ ސްޓަޑީ، އީއައިއޭ އަދި ފެން ހިންދާ ނިޒާމްގެ ޑިޒައިން ތައްޔާރު ކުރުން ކަމަށެވެ.
އަދި އެ މަސައްކަތް އެ ކުންފުނިން މިހާރު ވަރަށް ބާރަށް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން މިހާރު ޤާއިމް ކުރެވަފައިވާ ފެން ހިންދާ ނިޒާމް ދިރާސާކޮށް ކަމާގުޅުން ހުރި ބައެއް ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ޝާޙް ވިދާޅުވި އެވެ.
ވާރޭ ވެހޭ މޫސުންތަކުގައި ފެންބޮޑުވެ ގެތަކަށް ފެންވަނުމުގެ މައްސަލައަކީ އައްޑޫގެ ހުރިހާ އަވަށަކަށް ވެސް ކުރިމަތިވާ މައްސަލައެކެވެ.
އެހެން ނަމަވެސް ފޭދޫ އަވަށަށް މި މައްސަލަ ކުރިމަތިވާލެއް ބޮޑުކަން ފާހަގަ ކުރެވެ އެވެ.