ފެނަކަ އިން ކަރަންޓް ދޭ ރަށްރަށުގެ އިންޖީނުގެތަކުގައި ހުރި ތެޔޮ ރައްކާ ކުރާ ޓޭންކުތަކުން ތެޔޮ ބޭނުން ކުރާ މިންވަރު ބެލުމަށް ކެލިބްރޭޓިން ސިސްޓަމްތަކެއް ބެހެއްޓުމުގެ މަސައްކަތް އެސްޓީ އޯއިން ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އަހުމަފު ޝަރީފް ވިދާޅުވީ އަންނަ މަހުން ފެށިގެން ތެޔޮ ބޭނުން ކުރާ މިންވަރު ބެލުމަށް ކެލިބްރޭޓަ ބޭނުން ކުރަން ފެށުމާއެކު ތެލަށް ފެނަކަ އިން ކުރާ ޚަރަދު 30 ޕަސަންޓަށް ކުޑަ ކުރެވިގެން ދާނެކަމަށެވެ.
އެގޮތުން މިހާރު ފަސް މިލިއަން ލީޓަރުގެ ތެޔޮ މަހެއްގެ މައްޗައް ބޭނުން ކުރި ނަމަވެސް އެ އަދަދު ވަރަށް ބޮޑުތަން ކުޑަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ހުރި ތެޔޮ ރައްކާ ކުރާ ޓޭންކުތައް ދުނިޔޭގެ ފެންވަރުގައި ގަބޫލު ކުރާ ކުންފުންޏަކުން ކެލިބަރޭޓްކޮށް އެކަމުގެ ލިޔުން ފެނަކައާ ހަވާލު ކުރާނެ ކަމަށެވެ.
ކެލިބްރޭޓިން ސިސްޓަމް މިހާރު ވެސް ބައެއް ރަށްތަކުގައި ބަހައްޓާފައިވާ ކަމަށާއި، ބާކީ ރަށްތަކުގައި އަންނަ މަހަށް މި މަސައްކަތް ނިންމުމަށް އެސްޓީއޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޝަރީފް އަދި ވިދާޅުވީ ފެނަކައިގެ އާމްދަނީގެ 60 ޕަސަންޓަކީ ތެޔޮ ގަންނަން ޚަރަދު ކުރާ ފައިސާ ކަމަށާއި ކެލިބަރޭޓަރުތަކުގެ ސަބަބުން ގެއްލުން ކުޑަވެ އާމްދަނީ އިތުރުވެގެން ދާނެ ކަމަށެވެ.