Last Updated: November 27, 17:17
Wednesday, November 27, 2024
ރިޕޯޓް

ކޮފީގެ މީރުކަމާއި ފައިދާތަކުގެ ވާހަކަ ދައްކައި ހުހެއް ވެސް ނުވާނެ!

ކޮފީއަކީ ހަޤީގަތުގައި ވަރަށް ގިނަ ސިއްޙީ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ކޮފީ ބޯ މީހުންނަށް އެކިއެކި ސީރިއަސް ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަ އެވެ.

ތިރީގައި މިވަނީ އިންސާނުންގެ މައްޗަށް ކޮށްފައިވާ ދިރާސާތަކުން ސާބިތުވެފައިވާ ކޮފީގެ ފައިދާތަކެވެ.

1. ހަކަތަ އިތުރުކޮށްދީ ސިކުނޑި މަސައްކަތް ކުރަން އެހީވެދޭ

ކޮފީ އަކީ ވަރުބަލިކަން ނައްތާލައި މީހާގެ ހަކަތަ ލެވެލްތައް އިތުރުކޮށްދޭ އެއްޗެކެވެ. އެއީ ކޮފީގައި ހިމެނޭ ކެފެއިންގެ ސަބަބުންނެވެ. ކެފެއިން އަކީ ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ ސައިކޯއެކްޓިވް މާއްދާއެވެ. ކޮފީ ބުއިމުން، އޭގައިވާ ކެފެއިން ލޭގެ ތެރެއަށް ދަމައިގަނެވެއެވެ. ދެން ލޭގެ ޒަރިއްޔާއިން އެ ކެފެއިން ދަތުރުކުރަނީ ސިކުނޑިއަށެވެ. ސިކުނޑީގައިވާ އެޑެނޮސައިން ނަމަކަށް ކިޔާ ނިއުރޯޓްރާންސްމިޓާ އެއް ކެފެއިން އިން ބްލޮކް ކުރެއެވެ. އޭގެ ސަބަބުން މީހާގެ މޫޑް ރަނގަޅުވެ، ހަކަތަ އިތުރުވެ އެހެނިހެން ގޮތްގޮތުން ސިކުނޑިއަށް ފައިދާތަކެއް ލިބިގެންދެއެވެ.

2. ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވައިދިނުން

ކެފެއިން އަކީ ޤުދުރަތީ ގޮތުން ސަރުބީ ވިރުވުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ގިނަ އަދަދެއްގެ ދިރާސާތަކުން ދައްކާފައިވާ ގޮތުން ކެފެއިންގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިކް ރޭޓް 3-11% އާއި ދެމެދުގެ އަދަދަކަށް އިތުރުވެގެން ދެއެވެ. އެހެނިހެން ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ކެފެއިންގެ ސަބަބުން ސަރުބީ ވިރުވައިދޭ މިންވަރު އެތަށް އިންސައްތައަށް އިތުރުވެގެން ދެއެވެ.

3. ޖިސްމާނީ ބާރު އިތުރަށް ވަރުގަދަކޮށްދޭ

ކެފެއިން އަކީ ނާރުގެ ނިޒާމް ސްޓިމިއުލޭޓް ކޮށް، ސަރުބީ ވިރުވުމަށްޓަކައި ފެޓް ސެލްތަކަށް ސިގްނަލް ފޮނުވައިދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ކެފެއިންގެ ސަބަބުން ފެޓް ސެލްތައް ސަރުބީ ވިރުވައިދެއެވެ. ދެން އެ ސަރުބީ ފެޓީ އެސިޑްގެ ގޮތުގައި ލޭގެ ތެރެއަށް ދޫވެގެންދެއެވެ. އެއަށްފަހު އެ ސަރުބީ ހަކަތައިގެ ގޮތުގައި ބޭނުންކުރެވޭނެ އެވެ. އެހެންކަމުން ކަސްރަތު ކުރަން ފެށުމުގެ ބައި ގަޑިހާއިރު ކުރިން ކޮފީ ތަށްޓެއް ބުއިމަކީ ރަނގަޅު ކަމެކެވެ.

4. ބޭނުންތެރި އެތައް ނިއުޓްރިއެންޓެއް ލިއްބައިދޭ

ކޮފީ އަކީ ގިނަ އަދަދެއްގެ ނިއުޓްރިއެންޓްތައް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން ކޮފީގައި ހުންނަ ބައެއް މުހިންމު ނިއުޓްރިއެންޓްތަކުގެ ތެރޭގައި ރައިބޯފްލޭވިން، ޕެންޓޯތެނިކް އެސިޑް، މެންގަނީސް، ޕޮޓޭސިއަމް، މެގްނީސިއަމް އަދި ނައެސިން ހިމެނެއެވެ. ދުވާލަކު 3-4 ތަށި ކޮފީ ބޯ މީހަކަށް މި ނިއުޓްރިއެންޓްތައް ލިބޭ މިންވަރު އިތުރުވާނެ އެވެ.

5. ޓައިޕް 2 ޑައިބެޓީސް އިން ރައްކާތެރިކޮށްދޭ

ޓައިޕް 2 ޑައިބެޓީސް އަކީ ވަރަށް ބޮޑު ސިއްޙީ މައްސަލައެކެވެ. އެގޮތުން މުޅި ދުނިޔޭގައި އެކަމަށް ފަރުވާ ކުރަމުންދާ ގާތްގަނޑަކަށް 300 މިލިއަން މީހުން އެބަތިއްބެވެ. އެއީ އިންސުލިން ރެސިސްޓެންސް ނުވަތަ އިންސުލިން އުފައްދައި ނުދެވުމުގެ ސަބަބުން ހަކުރު މައްޗަށް ދިއުމުން ދިމާވާ މައްސަލައެކެވެ. ކޮފީ ބޯ މީހުންނަށް މި ބާވަތުގެ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ކޮފީ ބޯ މީހުންނަށް މި ބަލި ކެހުމުގެ ފުރުސަތު އެހެން މީހުންނާއި ބަލާފައި 23-50 އިންސައްތަ އަށް ކުޑަވެގެންދެއެވެ. ދާދިފަހުން 18 ދިރާސާއެއްގެ ޑޭޓާ އިން ފެނުނު ގޮތުގައި ދުވާލަކު އެއް ތަށި ކޮފީ ބުއިމުން ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު 7% ކުޑަވެގެން ދެއެވެ.

6. އަލްޒައިމާސް ބަލިން ރައްކާތެރިކޮށްދޭ

އަލްޒައިމާސް ބައްޔަކީ އެންމެ އާންމު ނިއުރޯޑީޖެނެރޭޓިވް ބައްޔެވެ. އަދި ދުނިޔޭގައި ޑިމެންޝިއާ އިތުރުވުމުގެ މައިގަނޑު ސަބަބުވެސް މެއެވެ. މި ބައްޔަކީ އާންމުކޮށް އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޖެހޭ ބައްޔެކެވެ. އަދި މިހާތަނަށް އަލްޒައިމާސް އަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް މި ބަލި ޖެހުމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ދުޅަހެޔޮ ކެއުންބުއިމުގެ އާދަތައް ގެންގުޅުމާއި، ކަސްރަތު ކުރުން އަދި ކޮފީ ބުއިން ވެސް ހިމެނެއެވެ. ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ކޮފީ ބޯ މީހުންނަށް އަލްޒައިމާސް ޖެހުމުގެ ފުރުސަތު 65% އަށް ކުޑަވެގެން ދެއެވެ.

7. ޕާކިންސަން ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

މިއީ އަލްޒައިމާސް އަށްފަހު ދެވަނަ އަށް އެންމެ އާންމު ނިއުރޯޑީޖެނެރޭޓިވް ބައްޔެވެ. މި ބަލި ޖެހެނީ ސިކުނޑީގައި ޑޯޕެމައިން ޖެނެރޭޓް ކޮށްދޭ ނިއުރޯންތައް މަރުވުމުގެ ސަބަބުންނެވެ.

އަލްޒައިމާސް އެކޭ އެއްފަދައިން މި ބައްޔަށް ވެސް މިހާތަނަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ކޮފީ ބޯ މީހުންނަށް 32-60% އާއި ދެމެދުގެ އަދަދަކަށް ޕާކިންސަންސް ބަލި ޖެހުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. އެހެންނަމަވެސް ޑީކެފް ކޮފީ ބޯ މީހުންނަށް ޕާކިންސަންސް ޖެހުމުގެ ފުރުސަތު ކުޑަވެގެން ނުދެއެވެ.

8. ލިވާ ރައްކާތެރިކޮށްދޭ

ލިވާ ނުވަތަ މޭގަނޑަށް އެންމެ އާންމުކޮށް ޖެހޭ ބަލިތަކަކީ ހެޕަޓައިޓިސް އަދި ފެޓީ ލިވާ ޑިޒީސް އެވެ. އޭގެ ސަބަބުން ކައިރޯސިސް އާއި ކުރިމަތިލާން ޖެހެއެވެ. ކައިރޯސިސް އަކީ ލިވާގައި ވަރަށް ބޮޑު ސްކާ ޓިޝޫއެއް އުފެދުމެވެ. ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ދުވާލަކު 4 ތަށި ކޮފީ ނުވަތަ އެއަށްވުރެ ގިނައިން ކޮފީ ބޯ މީހުންނަށް ކައިރޯސިސް ޖެހުމުގެ ފުރުސަތު 80% ކުޑަވެގެން ދެއެވެ.

9. ޑިޕްރެޝަން އާއި ހަނގުރާމަކޮށް އުފާވެރިކޮށްދޭ

ޑިޕްރެޝަން އަކީ ދިރިއުޅުމުގެ ކޮލިޓީ ދަށްކޮށްދޭ ވަރަށް ސީރިއަސް ނަފްސާނީ ބައްޔެކެވެ. އެގޮތުން މިވަގުތު އެމެރިކާގެ 4.1% މީހުން ދަނީ ކްލިނިކަލް ޑިޕްރެޝަން އާއި ހަނގުރާމަ ކުރަމުންނެވެ. ހާވާޑް އިން 2011 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި 4 ތަށި ނުވަތަ އެއަށްވުރެ ގިނައިން ދުވާލެއްގެ މައްޗަށް ކޮފީ ބޯ އަންހެނުންނަށް ޑިޕްރެޝަން ޖެހުމުގެ ފުރުސަތު 20% ކުޑަކޮށްދެ އެވެ. 208،424 މީހުންނާއިއެކު ކުރެވުނު އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް 4 ތަށި ނުވަތަ އެއަށްވުރެ ގިނައިން ކޮފީ ބޯ މީހުން އަމިއްލައަށް މަރުވުމުގެ ފުރުސަތު 53% ކުޑަވެގެން ދެއެވެ.

10. ބައެއް ވައްތަރުގެ ކެންސަރުތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

ކެންސަރަކީ ދުނިޔޭގައި މީހުން މަރުވުމަށް ދިމާވާ އެންމެ ބޮޑު އެއް ބައްޔެވެ. އެއީ ކޮންޓްރޯލް ކުރެވޭ މިންވަރަށްވުރެ ގިނައިން ހަށިގަނޑުގައި ސެލްތައް އުފެދުމުގެ ސަބަބުން ދިމާވާ ކަމެކެވެ. އެގޮތުން ކޮފީ އަކީ ޤަބޫލުކުރެވޭ ގޮތުގައި ލިވާ ކެންސަރު އަދި ކޮލޮރެކްޓަކް ކެންސަރުން ދިފާޢުކޮށްދޭ އެއްޗެކެވެ. ލިވާ ކެންސަރަކީ ތިންވަނައަށް އެންމެ ގިނަ މީހުންގެ ފުރާނަ ގެއްލިގެންދާ ކެންސަރުގެ ބާވަތެކެވެ. އެ ލިސްޓުގެ ހަތަރު ވަނައިގައި އޮންނަނީ ކޮލޮރެކްޓަލް ކެންސަރެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީ ބޯ މީހުންނަށް ލިވާ ކެންސަރު ޖެހުމުގެ ފުރުސަތު 40% ކުޑަވެގެން ދެއެވެ. އަދި 489،706 މީހުންނާއިއެކު ކުރެވުނު އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް 4-5 ތަށި ކޮފީ ބޯ މީހުންނަށް ކޮލޮރެކްޓަލް ކެންސަރު ޖެހުމުގެ ފުރުސަތު 15% ކުޑަވެގެން ދެއެވެ.

11. ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

ކޮފީ ބުއިމުގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިއެއް ނުވެއެވެ. އޭގެ ބަދަލުގައި ކޮފީ ބުއިމުގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އާންމުކޮށް ބުނެ އުޅޭ ގޮތުގައި ކެފެއިންގެ ސަބަބުން ލޭ މައްޗަށް ދެއެވެ. އެއީ ތެދެކެވެ. އެހެންނަމަވެސް އެއީ އާންމުކޮށް ކޮފީ ބޯނަމަ ފޭދިގެންދާ އަސަރެކެވެ. އެހެންނަމަވެސް ބައެއް މީހުން ކޮފީ ބުއިން އާދަކުރިނަމަވެސް، މި މައްސަލައާއި ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން އާންމުކޮށް ލޭ މައްޗަށް ދާ މީހެއްނަމަ އެކަމާއިމެދު ވިސްނަން ވާނެއެވެ. އެހެންނަމަވެސް ކޮފީ ބުއިމުގެ ސަބަބުން ހިތުގެ ބަލިތައް ޖެހޭ ކަމަށް ދިރާސާތަކުން ނުދައްކައެވެ. އޭގެ ބަދަލުގައި ދިރާސާތަކުން ދައްކާފައި ވަނީ ކޮފީ ބޯ އަންހެނުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެގެންދާ ކަމަށެވެ. ބައެއް ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ކޮފީ ބޯ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު 20% ކުޑަވެގެން ދެއެވެ.

12. އުމުރު ދިގުކޮށްދިނުން

ކޮފީ ބޯ މީހުންނަށް ވަރަށް ގިނަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެގެން ދިއުމަކީ، ޝައްކެއްވެސް ނެތް ގޮތުގައި މީހާގެ އުމުރު ދިގުވުމުގައި އެހީތެރިވެދޭ ކަމެކެވެ. އެގޮތުން ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ކޮފީ ބޯ މީހުންގެ އުމުރު ދިގުވެގެން ދެއެވެ.

13. ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްތައް ހިމެނިގެންވުން

ހުޅަނގުގެ ކެއުންބުއިމުގެ އާދަތަކަށް ޢަމަލުކުރާ މީހަކަށް އެންމެ ދުޅަހެޔޮ އެއްޗަކީ ކޮފީ އެވެ. އެއީ ކޮފީ ގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްތައް ހިމެނިގެން ވާތީއެވެ. އެގޮތުން ދިރާސާތަކުން ދައްކާފައިވާ ގޮތުގައި މޭވާ އާއި ތަރުކާރީން ޖުމްލަކޮށް ލިބޭ އެންޓިއޮކްސިޑެންޓަށްވުރެ ކޮފީ އިން އެންޓިއޮކްސިޑެންޓްތައް ލިއްބައިދޭ މިންވަރު ގިނައެވެ. ކޮފީ އަކީ ދުނިޔޭގެ އެންމެ ދުޅަހެޔޮ އެއް ބުއިމެވެ.