އައްޑޫގައި ފަހަކަށް އައިސް ކާރުތަކުގައި ހުޅުޖެހުން އިތުރުވެމ ރައްޔިތުންގެ އަގު ބޮޑު މުދަލަށް ބައެއް މީހުން ގެއްލުން ދެމުން ގެންދާތީ އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ ތެރޭގައި މިހާތަނަށް ފަސް ކާރެއްގައި ހުޅުޖަހައި އިތުރު އެއް ކާރަކަށް ގެއްލުންދީ ރައްޔިތުންގެ އަގު ބޮޑު މުދާތަކަށް އެއްވެސް ޖެހިލުމެއްނެތި ގެއްލުންދެމުންދާ މައްސަލައަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަަމަށެވެ.
"ސިލްސިލާކޮށް މިފަދަ ކަންކަން ކުރިއަށް ދިއުމުގެ ސަބަބުން މި ސިޓީގެ ރައްޔިތުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން ފެތުރިފަ އެވެ. އެހެންކަމުން މިފަދަ ކަންކަން ތަކުރާރު ނުވާނޭ ގޮތުގެ މަތިން ސިޓީގެ އަމާންކަން ގާއިމުކުރުމުގެ މަސައްކަތް ވަރުގަދަ ކޮށްދެއްވައި ހަރުދަނާކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައި ބުންޏެވެ.
ކައުންސިލުން އަދި ބުނީ އައްޑޫގައި އަމާން ވެށްޓެއް ގާއިމު ކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގައި ފުލުހުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ކައުންސިލުން އަބަދުވެސް ދޭނެ ކަމަށެވެ.
"ކުށް މަދު މުޖުތަމަޢެއް ބިނާކުރުމަށް ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން އައްޑޫގައި އަމާން ވެށްޓެއް ގާއިމު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް މި ފުރުސަތުގައި ފާހަގަކޮށް ރައްޔިތުން މި ފަދަ ބިރުވެރިކަމުން ސަލާމަތްކޮށް އަމާން މާހައުލަކަށް ނޭވާލުމުގެ މަގު ތަނަވަސްކޮށްދެއްވުމަށް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް އިލްތިމާސް ދަންނަވަމެވެ." ބަޔާނުގައި ބުންޏެވެ.