ފެބްރުއަރީ 8 ވަނަ ދުވަހުގެ ރޭ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަށް ހަމަލާ ދިން މައްސަލައިގެ ދައުވާ ލިބޭ ދެ މީހުން ދައުވާ އަށް މިއަދު އިންކާރުކޮށްފި އެވެ.
އެ ހާދިސާ ހިނގިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި މިއަދު ބޭއްވި މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި، ދައުވާ ލިބޭ ސ. ހިތަދޫ ޖަނބުރޯލްމާގޭ އަހުމަދު ހަސަންދީދީ (ސިއްރާ) އާއި ހިތަދޫ ސާދާ މޫސާ ފަތުހީ (ސާދާގެ މޫސާ) ވަނީ އެ މީހުންގެ މައްޗަށް އުފުލި ދައުވާ އަށް އިންކާރުކޮށްފަ އެވެ.
ސިއްރާ އާއި މޫސާ ވެސް ދައުވާ އަށް އިންކާރު ކުރުމަށް ފަހު ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. އެހެންވެ އެ ދެ މީހުންނަށް ވެސް އެއް މަސް ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ކޯޓުން ވަނީ ދީފަ އެވެ.
މި މައްސަލައިގެ ޝަރީއަތުގެ އަޑު އެހުމެއް ދެން އޮންނާނީ އެޕްރީލް މަހުގެ 7 ވަނަ ދުވަހު އެވެ.
ފެބްރުއަރީ 8، 2012 ވަނަ ދުވަހުގެ ރޭ ސޯބެ ކައުންސިލް އިދާރާގައި ހުންނަވަނިކޮށް އޮފީހުގެ ފާރު މަތިން އަަރައި އޮފީސްތެރެ އަށް ވަދެ ގަނެ، ސޯބެ އަށް ހަމަލާ ދީ އަތް ބިންދާލި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް މައްސަލަ ފޮނުވާފައި ވަނީ ނޮވެމްބަރު 27، 2012 ގަ އެވެ.