ސައުދީ އަރަބިޔާގެ ޖިއްދާގައި ހުންނަ މަސްޖިދުލް އަލް ސުލައިމާނީ މިސްކިތުގެ މުއައްޛިން އަބްދުލް ހައްޤު އަލް ހަލަބީ ފަތިސް ނަމާދުގެ ބަންގި ގޮވުމުގެ އިންތިޒާރުގައި އިންދާ ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ ފަތިސް ނަމާދު ވަގުތު ޖެހެންދެން ޤުރުއާން ކިޔަވަން އިންނަވަނިކޮށެވެ. ނިޔާވިއިރު އުމުރަކީ 60 އަހަރެވެ.
ފަތިސް ނަމާދަށް މިސްކިތަށް ދިޔަ ބަޔަކަށް ހަލަބީ ގުރުއާން ކިޔަވަން އިންދާ ނިޔާވެފައިވާ މަންޒަރު ފެނުމުން އޭގެތެރެއިން މީހަކު ވަނީ އެމަންޒަރު ވީޑިއޯ ކުރުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އަލް ހަލަބީ ސައުދީ އަރަބިޔާގައި ދިރިއުޅުއްވަމުންދާތާ 40 އަހަރުވެފައިވީ ނަމަވެސް އޭނާއަކީ ސޫރިޔާގެ ރައްޔިތެކެވެ. އޭނާއަކީ ނަމާދަށް ފަރުވާތެރި ގިނަ ވަގުތު ޤުރުއާން ކިޔެވުމުގައި މަޝްއޫލުވެ އިންނަވާ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.