Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

އަސްކަރިއްޔާ އިން މަޖިލިސް ހިސޯރެއް ނުކުރޭ: ރައީސް އޮފީސް

ދިިއިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރޭގައި ހިނގި ކަންތައްތަކާ ގުޅިގެން އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިޔާތަކުން ފަތުރަމުންދާ ޚަބަރުތަކަށް ސަރުކާރުން ދޮގުކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ މަޖިލީހުގައި އެއްވެސް ވޯޓެއް ނެގުމަށް އެޖެންޑާކޮށްފައި ނުވާ ކަމަށާއި، އެ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގާފައި ވެސް ނުވާނެ ކަމަށެވެ.

ބަޔާނުގައި އަދި ބުނީ ޣައިރު ޤާނޫނީ އެއްވެސް ކަމެއް، ނުވަތަ މަޖިލީހުގެ ގެއާއި ގޯތި ތެރޭގައި ސަލާމަތަށް ނުރައްކާވެދާނެ ފަދަ އެއްވެސް ކަމެއް ހިނގިޔަ ނުދިނުމަށްޓަކައި، ސަލާމަތީ ގޮތުން އަޅުއްވައިން ޖެހޭ އެންމެހައި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެމްއެންޑީއެފްގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

"އެ ދުވަހު މަޖިލިސްކުރާ ގޭގެ ސަރަހައްދަށް އާންމުން އެއްވުމަށާއި ހަނުޖެހުން ހިނގުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާތީ، ޤާނޫނު އަސާސީގެ 105 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެއްވުމަށްޓަކައި އެމް.އެން.ޑީ.އެފް. އިން އެޅުއްވި ޚާއްޞަ ފިޔަވަޅުތަކެކެވެ." ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އަދި ބުނީ ޚަބަރު ފެތުރުމުގައި ޒިންމާދާރު ކަމާއެކު ހަގީގަތާ އެއްގޮތަށް ޚަބަރު ފެތުރުމަށާއި، އާންމުންނަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ޚަބަރު ނުފެތުރުމަށް، ހުރިހާ މީޑިޔާއަކަށް އިލްތިމާސް ކުރާ ކަމަށެވެ.