"ވިކީ ޑޯނާ" އާއި "ޕީކޫ" ފަދަ ކާމިޔާބު ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރު ސުޖިތު ސިރްކާސްގެ ފިލްމެއް ޒުވާން އެކްޓަރު ވަރުން ދަވަން އަށް ހުށަހެޅި ވާހަކަ ދެކެވޭތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ.
އެކަން އެ ދެ މީހުން މިހާރު ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ.
ސުޖިތު ބުނީ ވަރުން އަށް ހުށަހަޅާފައި ވަނީ އާދަޔާހިލާފު ލޯބީގެ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމް "އޮކްޓޯބަރު" ކަމަށެވެ.
"ލޯބީގެ ފިލްމެކޭ ބުންޏަސް މިއީ އާންމުކޮށް މި ފެންނަ ޒާތުގެ ލޯބީގެ ފިލްމްތަކާ ވަރަށް ތަފާތު ފިލްމަކަށް ވާނެ،" މެޑްރާސް ކެފޭގެ ޑައިރެކްޓަރު ބުންޏެވެ.
އޭނާ އަދި ބުނީ "އޮކްޓޯބަރު" އަކީ މިހާތަނަށް ވަރުން ފެނިފައި ނުވާ ފަދަ ކެރެކްޓާއަކުން ފެނިގެން ދާނެ ފިލްމަކަށް ވާނެ ކަމަށެވެ.
ސުޖިތުގެ ފިލްމަކުން ފުރުސަތު ލިބުމުން ވަރަށް އުފަލުން ހުރި ވަރުން ބުނީ އޭނާ 2012 ގައި ބޮލީވުޑަށް ނިކުތް ފަހުން އޭނާ އެންމެ މަސައްކަތްކޮށްލަން ބޭނުންވި އެއް ޑައިރެކްޓަރަކީ ސުޖިތު ކަމަށެވެ.
"އެހެންވެ އެ ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހިފައި މިހިރީ،" މިހާރު "ޖުޅްވާ 2" ގެ މަަސައްކަތް ކުރަމުން އަންނަ އެކްޓަރު ބުންޏެވެ.
"ބަދްލާޕޫރް" ފަދަ ފިލްމްތައް ކުޅެފައިވާ ވަރުން އަދި ބުނީ "އޮކްޓޯބަރު" އަކީ ވަރަށް ޝައުގުވެރި ފިލްމެއް ކަމަށާއި އޭގެ ސްކްރިޕްޓް ވަރަަށް ފުރިހަމަ ކަމަށެވެ.
"އޮކްޓޯބަރު" ގެ ޝޫޓިން ކުރިއަށް އޮކްޓޯބަރުގައި ފަށަން ވަނީ ތާވަލްކޮށްފަ އެވެ. އެކަމަކު ވަރުން ފިޔަވައި ފިލްމުގައި ދެން ހިމެނޭ ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.