އައްޑޫ ސިޓީ ކައުންސިލުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާ ބައްދަލުކޮށް މަޝްވަރާތަކެއްކޮށްފި އެވެ.
އެމްއައިޓީޑީސީ ގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ މޭޔަުރ ޢަބްދުﷲ ސޯދިގް (ސޯބެ) އާއި އަލީ ފަހުމީ އަޙުމަދާއި ޙުސައިން ހިޔާޒްގެ އިތުރުން ޑިރެކްޓަރު މުޙައްމަދު ސަޢުދީ ޙަސަނެވެ.
އެމްއައިޓީ.ޑީސީ ގެ ފަރާތުން ބައިވެރިވެޑައިގެންނެވީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު މުޙައްމަދު ޝާހިދެވެ.
މިބައްދަލުވުމަކީ އެމްއައިޓީޑީސޫން ކުރިޔަށް ގެންދާ އައްޑޫ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓްގެ މަސައްކަތް ރޭވިފައި ވާގޮތާއި ޕްރޮޖެކްޓާއި ގުޅޭ ކަންކަމުގައި ކައުންސިލުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މި މަޝްރޫޢު ކާމިޔާބު މަޝްރޫޢަކަށް ހެދުމަށް އައްޑޫ ސިޓީ އިޝްތިހާރު ކުރުމަށް ތަކެތި ތައްޔާރު ކުރުމާއި، ޑޮކިއުމެންޓަރީތައް ހެދުމާއި، އެކިއެކި ފެއަރތަކުގައި ބައިވެރިވުމާއި، ފަންނީ މީހުން ބިނާކުރުމާއި އިންވެސްޓަރުންނަށް މަޢުލޫމާތު ހިއްސާ ކުރުމަށް ފޯރަމްތައް ބޭއްވުމާއި ޕްރޮމޯޝަނަލް އެކްޓިވިޓީތައް ހިންގުން ފަދަ ކަންކަމުގައި ބައިވެރިވުމަށް އައްޑޫ ސިޓީ ކައުންސިލުން ޝައުގުވެރިކަން ފާޅުކޮށް އެމްއައިޓީޑީސީ އަށް ވަނީ މީގެ ކުރިން ލިޔުމުން ހުށަހަޅާފައި ކަމަށް ކައުންސިލުން ބުންޏެވެ.
އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢު ކުރިއަށް ގެންދަން ނިންމާފައި ވަނީ ހިތަދޫ، ފޭދޫ، މީދޫ، ހުޅުދޫ އަދި ހިކަހެރަ ގަ އެވެ.
ރާއްޖޭގެ ދެކުނުގެ ޓޫރިޒަމް ފުޅާކޮށް ތަރައްޤީ ކުރުމުގެ ގޮތުން ހިންގާ މި ޕްރޮޖެކްޓްގެ ދަށުން އައްޑޫގައި 60 ވުރެ ގިނަ ގެސްޓް ހައުސް އެޅުމަށް ވަނީ ރޭވިފަ އެވެ.
މި ޕްރޮޖެކްޓް އިފްތިތާޙް ކުރުމުގެ ގޮތުން މިއަހަރުގެ އެޕްރީލް މަހުގެ 8 ވަނަ ދުވަހު ވަނީ އައްޑޫ އިންވެސްޓަާސް ފޯރަމް ގެ ނަމުގައި ފޯރަމެއް ވެސް ބާއްވައިފަ އެވެ.