1. ސްޓްރޯބެރީ
ސްޓްރޯބެރީ އަކީ އެންޓިއޮކްސިޑެންޓްތަކުން ފުރިގެންވާ މޭވާއެކެވެ. އަދި 100 ގްރާމް ސްޓްރޯބެރީ ގައި ހުންނަނީ އެންމެ 33 ކެލޮރީސް އެވެ! ހިތުގެ ބަލިތަކުގެ ނަތީޖާއެއް ގޮތުން ހަށިގަނޑުގައި ހުންނަ ޓިޝޫތައް ހަލާކުވެއެވެ. އެކަމުން ހަށިގަނޑު ރައްކާތެރިކޮށްދޭ ޕޮލިފީނޯލްސް ނަމަކަށް ކިޔާ މާއްދާތަކެއް ސްޓްރޯބެރީ ގައި ހުރެއެވެ.
2. ރަތް ބޮޑު މިރުސް (ރެޑް ބެލް ޕެޕާ)
ސިއްޙީ މާހިރުން ބުނާ ގޮތުގައި ބޮޑު މިރުހަކީ ވަރަށް ގިނަ ނިއުޓްރިއެންޓްތަކެއް ހިމެނިގެންވާ އެއްޗެކެވެ. 100 ގްރާމް ބެލް ޕެޕާ ގައި ހިމެނެނީ އެންމެ 31 ކެލޮރީސް އެވެ. ކޮންމެ ދުވަހަކު ބެލް ޕެޕާ ކެއުމަކީ ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިން ސީ ގެ 200% ލިބޭ ކަމެކެވެ.
3. ޕޮޕްކޯން
އާންމުކޮށް މީހުން ދެކޭ ގޮތާއި ޚިލާފަށް، ޕޮޕްކޯން އަކީ އެހާ ގިނަ ކެލޮރީސް ހުންނަ އެއްޗެއް ނޫނެވެ. އެއް ޖޯޑް ޕޮޕްކޯން ގައި ހުންނަނީ 32 ކެލޮރީސް އެވެ.
4. މަޝްރޫމް
އެއް މެދުމިނުގެ މަޝްރޫމެއްގައި ހިމެނެނީ އެންމެ ހަތަރު ކެލޮރީސް އެވެ! އެހެންކަމުން މަޝްރޫމް ކެއުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް މަޝްރޫމް ބޭނުންކޮށްގެން އެއްޗެހި ކައްކާއިރު ބަޓަރު ބޭނުން ނުކުރާށެވެ.
5. ގްރީން ޓީ
ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމުގެ އިތުރުން ގްރީން ޓީ އަކީ ވަރަށް މަދުން ކެލޮރީސް ހުންނަ ބުއިމެކެވެ. އެގޮތުން ފޮނިނުކޮށް ހުންނަ ގްރީން ޓީ ގައި އެއްވެސް ވަރަކަށް ކެލޮރީސް ނުހުރެއެވެ. އަދި ބޭނުންނަމަ ފިނިކޮށް ނުވަތަ ހޫނުކޮށް ވެސް ގްރީން ޓީ ބޮވެވިދާނެ އެވެ.
6. ބަންބުޅަ ބޮސް (ގްރޭޕްފްރުޓް)
މިއީ ވިޓަމިން ސީ އިން ފުރިގެންވާ މޭވާ އެކެވެ. ކޮންމެ ދުވަހަކު ބަންބުޅާ ބޮސް ކެއުމަކީ އުނަގަނޑު ކުޑަކޮށްދޭ ކަމެކެވެ. ½ ފޮތި ބަންބުޅަ ބޮސް ގައި ހިމެނެނީ 37 ކެލޮރީސް އެވެ. މި މޭވާ އަކީ ބްލަޑް ޕްރެޝަރާއި ކޮލެސްޓްރޯލް ލެވެލްތައް ވެސް ކޮންޓްރޯލް ކޮށްދޭ އެއްޗެކެވެ.
7. ކިއުކަމްބާ
ކިއުކަމްބާގެ 96% އަކީ ފެނެވެ. އަދި ½ ފޮތި ކިއުކަމްބާގައި ހިމެނެނީ 22 ކެލޮރީސް އެވެ. ކިއުކަމްބާ އަކީ ހަށިގަނޑު ހައިޑްރޭޓް ކޮށްދޭ އެންމެ ރަނގަޅު ޤުދުރަތީ އެއް ބާވަތެވެ. އަދި ފައިބާ ބޭނުންނަމަ، ކިއުކަމްބާ ނުނޮޅާ އޭގެ ތޮށްޓާއި އެއްކޮށް ކާށެވެ.
8. ކޯލީފްލާވާ
100 ގްރާމް ފެނުކެއްކި ކޯލީފްލާވާގައި 25 ކެލޮރީސް އާއި ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިން ސީގެ 20% ހިމެނެއެވެ.
9. ބްރޮކޮލީ
ކެބެޖު އާއިލާ އަށް ނިސްބަތްވާ މި ފެހި ތަރުކާރީ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. އެއް ޖޯޑް ރޯ ބްރޮކޮލީ ގައި ހިމެނެނީ އެންމެ 34 ކެލޮރީސް އެވެ.