Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕަށް ހުޅުވާލައިފި

ވިލާ ކޮލެޖާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ތަޢާރަފު ކުރި "ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕް" އަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފި އެވެ.

މި ސްކޮލަޝިޕަކީ ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދަށް ނިސްބަތްކޮށް، އައްޑޫގެ ދެ ފަރާތަކަށް ހުޅުވާލެވުނު ހިލޭ ކިޔެވުމުގެ ދެ ފުރުޞަތެވެ.

ސްކޮލަޝިޕްގެ ދަށުން ވިލާ ކޮލެޖުގެ އަންނަ މަހު އިންޓޭކްގެ ޕްރޮގްރާމްތަކުގެ ތެރެއިން ޑިގްރީ އަދި މާސްޓާސް ކޯހުގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ދެވޭނެ އެވެ.

އެހެންވެ މި ސްކޮލަޝިޕްތަކަށް ޝައުޤުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

ސްކޮލަޝިޕަށް އެދޭ ފޯމު އަދި ސްކޮލަޝިޕާ ގުޅޭ މަޢުލޫމާތު ޝީޓް ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

އިތުރު މަޢުލޫމާތު ކައުންސިލްގެ އިދާރާގެ ނަންބަރު 6888820 ފޯނަށް ގުޅައިގެން ހޯދޭނެ އެވެ.