ހައުސިން މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރުންނާ އެކު، ހުޅުމީދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު (އައްދު) އިއްޔެ މާލެ ފެއްޓެވި ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯއަކާ އެކު ލިޔެފައިވާ ޕޯސްޓަކަށް، އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް (ޓޮމް) ފާޅު ކުރެއްވި ކޮމެންޓަކަށް އައްދު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ފޮޓޯއާ އެކު އައްދު ވިދާޅުވީ "އޮފީސް ދަތުރުގައި އިރާދަކުރެއްވިއްޔާ އައްޑޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް [ހައުސިން] މިނިސްޓްރީ އަށް ހުށެހެޅި ހައްލުތައް ލިބޭނެ" ކަމަށެވެ.
އައްދުގެ މި ވާހަކައަށް ޓޮމް ހިނިގަނޑެއް ޖައްސަވާފައި ކުރެއްވި ކޮމެންޓްގައި ވިދާޅުވީ މި ސަރުކާރުން ކަމެއް ހައްލު ކުރުމަކީ ނާދިރު ކަމެއް ކަމަށެވެ.
"ލާމަރުކަޒީ ނިޒާމް ފުނޑާލައި އައްޑޫ އިބްރާހީމްދީދީ (އައިބީ) މެދުވެރިކޮށްގެން. އައްޑޫ ރައްޔިތުން މާލެ އަށް ސަލާން ޖަހަން ދިއުމަކީ އެކާވީސް ވަނަ ގަރުނުގައި ލަދުވެތި ކަމެއް،" ޓޮމް ވިދާޅުވި އެވެ. "މަގާމެއް ނުލިބި ތިއްބެވި ބޭފުޅުންނަަށް ވަރަށް ސަޅި ކަމަކަށް ވެދާނެ."
ޓޮމްގެ ކޮމެންޓަށް އިނގިރޭސި ބަހުން ރައްދު ދެއްވަމުން އައްދު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ފެއިލްވީ ޓޮމް ކަހަލަ ބޭފުޅުން އޭގެ ނާޖާއީޒު ފައިދާ ނަންގަވައި ރައްޔިތުންގެ ބާރު ކަނޑުވާލުމުން ކަމަށެވެ.
"ނިކަން ދެކިބަލަ ތިބޭފުޅާގެ ޕާޓީގެ އެކްޓިވިސްޓުންނަށާއި ގާތް ރައްޓެހިންނާއި އަމިއްލަފުޅަށް ނަންގަވާފައި ހުރި ބިންތަކަށް،" އައްދު ވިދާޅުވި އެވެ. "ސާކް ސަމިޓްގެ ނަމުގައި ބޮޑެތި ކޮރަޕްޝަންތައް ހިންގާފައި ވަނީ ވެސް ތި ކަހަލަ ޑިމޮކްރަސީ ގަބޫލު ކުރައްވާ ބޭފުޅުން."
އައްދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް މާލެ އަށް ވަޑައިގެންނެވި ހައުސިން މިނިސްޓްރީގެ ޓީމްގައި ދާދި ފަހުން ކޯޑިނޭޓަރަކަށް އައްޔަން ކުރި ހަސަން ނާޒިލާއި އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރު (އަބްހަރީ) ގެ އިތުރުން ކޯޑިނޭޓަރު މުހައްމަދު ޖަމީލް ހިމެނިވަޑައިގަންނަވަ އެވެ.
އައްދުއަކީ އެމްޑީޕީގެ ޓިކެޓްގައި ކައުންސިލްގެ މިދިޔަ ދައުރަށް ހޮވިވަޑައިގަތުމަށް ފަހު، ފަހުން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމަށް ބަދަލުވެވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އެ ޕާޓީގެ ޓިކެޓްގައި ހުޅުދޫ ކައުންސިލަރުގެ މަގާމަށް ވާދަ ކުރެއްވި ނަމަވެސް ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅެވެ.
މަރަދޫ ކައުންސިލަރުކަން ކުރެއްވި ޓޮމް ވަނީ ކައުންސިލްގައި ދެ ދައުުރު ފުރިހަމަ ކުރައްވައިފަ އެވެ.