ފެނަކަ ކޯޕަރޭޝަންގެ އިދާރީ މަސައްކަތްތައް އެއް ނިޒާމަކުން ގުޅާލަން ތައްޔާރު ކުރި ސޮފްޓްވެއާ ތަޢާރަފްކޮށް ބޭނުން ކުރަން ފަށައިފިއެވެ.
މިއީ އެ ކުންފުނީގެ އޮފީސްތައް ހިންގުން ހަރަދަނާ ކުރުމުގެ ގޮތުންނާއި، ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތެއް ފޯރުކޮށް ދިނުމުގެ ގޮތުން ޤާއިމްކުރި ނިޒާމެކެވެ.
ފެނަކަ ކޯޕަރޭޝަނުން އަންނަނީ ރާއްޖޭގެ 20 އަތޮޅުގައި 100 އަށް ވުރެ ގިނަ އިންޖީނުގެ އާއި ނަރުދަމާ ނިޒާމް ބެލެހެއްޓުމުގެ މަސައްކަތްކުރަމުންނެވެ.
ފެނަކަ އިން ބުނީ އަލަަށް ތަޢާރަފް ކުރި ސޮފްޓްވެއާ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ފެނަކަ އޮފީސްތަކުގެ މަސައްކަތް ބަލާ މޮނިޓަ ކުރެވޭނެ ކަމަށެވެ.
އެ ސޮފްޓްވެއާ ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިޤް އިބްރާހިމް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނަކީ ޅަ ކުންފުންޏެއް ނަމަވެސް، ސަރުކާރުގެ އެހެން ކުންފުނިތަކާ އަޅާ ބަލާ އިރު ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ކުންފުންޏެއް ކަމަަށެވެ.
މިނިސްޓަރު ވިދާޅުވީ އާ މި ސޮފްޓްވެއާގެ ސަބަބުން އެ ކުންފުނީގެ މާލީ އަދި އިދާރީ ކަންކަން ވަރަށް ބޮޑަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނެޖިންގެ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ސޮފްޓްވެއާގެ ސަބަބުން ރައްޔިތުންނަށް ދޭ ޚިދުމަތް އަވަސް ވުމާއި ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ވަގުތުން ވަގުތަށް ފޮނުވާލެވޭނެ ކަމަށެވެ. މީގެ އިތުރުން ސޮފްޓްވެއާގެ ސަބަބުން ޚަރަދު ކުޑަވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ސޮފްޓްވެއާ އަށް މުވައްޒަފުން އަހުލުވެރި ކުރުމުގެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.