އިނގިރޭސި ރާނީ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަ ނުވަނީސް އޭނާ އަވަހާރަވެއްޖެ ކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ ޓެލެގްރާފުން މިއަދު ރިޕޯޓްކޮށްފި އެވެ.
ޑެއިލީ ޓެލެގްރާފަކީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ނޫހެވެ.
އުމުރުފުޅުން 96 އަހަރުގެ ޕްރިންސް ފިލިޕް އަވަހާރަވެއްޖެއޭ ބުނެ އިއުލާންކުރީ އޭނާ މިއަދު ރަސްމީ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާ އެންމެފަހުގެ އިހުތިފާލަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ. އެއީ އިނގިރޭސި ކަނޑުގެ ސިފައިންގެ އިހުތިފާލެކެވެ.
ޑެއިލީ ޓެލެގްރާފުގެ ވެބްސައިޓަށް މިޚަބަރު އެރުވިތާ ގިނައިރުތަކެއް ނުވަނީސް ޚަބަރުވަނީ ނަގައިފައެވެ. އޭގައި ލިޔެފައިވާގޮތުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެކަން ރަސްކަމުގެ ގަނޑުވަރުންވެސް ވަނީ ޔަގީންކޮށްދީފައެވެ.
ރާނީ އެލިޒަބަތުގެ ދިގު ރަނިކަމުގައި ފިރިކަލުން ޕްރިންސް ފިލިޕަކީ އެކަމަނާގެ ހިތްވަރާއި ބާރުކަމަށް ރާނީ ވިދާޅުވިޔޭވެސް ލިޔެފައި އޮތެވެ. އަދި ޕްރިންސް ފިލިޕްގެ ޖަނާޒާގެ ކަންތައް ޝާހީ އާދަތަކާއި ޕްރިންސް ފިލިޕްގެ އެދިވަޑައިގަތުންތަކާ އެއްގޮތަށް ހަތްދުވަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ލިޔެފައި އޮތެވެ.
މި ޚަބަރުގެ ބައެއް ތަންތަންހުރީ ފަހުން ފުރިހަމަކުރާގޮތަށް ދޫކޮށްލެވިފައެވެ. އެހެންކަމުން ތަޖުރިބާކާރުން ބުނެފައިވަނީ މިއީ ޕްރިންސް ފިލިޕް އަވަހާރަވެއްޖެނަމަ ކުދިކުދި އިސްލާހު ގެނެސްފައި ވީހާވެސް އަވަހަށް ވެބްސައިޓަށް އެރުވުމަށްޓަކައި ދުރާލާ ތައްޔާރުކޮށްފައިވާ ޚަބަރެއް އޮޅުމަކުން މިއަދު ވެބްސައިޓަށް އެރީކަމުގައެވެ. އެހެން އެވީ ޕްރިންސް ފިލިޕް މިއަދު ރަސްމީ އިހުތިފާލެއްގައި ބައިވެރިވެވަޑައިގަތުމުގެ ޚަބަރު އަރުވަން އުޅުމުގެ ތެރޭގައިކަމަށް ވުން އެކަށީގެންވާ ކަމުގައެވެ.
ބޮޑެތި ނޫސްތަކުން މިޒާތުގެ ޚަބަރު ދުރާލާ ތައްޔާރުކޮށްފައި ބަހައްޓައެވެ. އެއީ އަސްލު ކަން ހިނގުމާއެކު ލިޔަންވެސް ވަގުތު ހޭދަނުކޮށް ވީހާވެސް އަވަހަށް ޚަބަރު ގެނެސްދިނުމުގެ ގޮތުން ކުރާ ކަމެކެވެ.
ޕްރިންސް ފިލިޕާއި ރާނީ އެލިޒަބަތު ބައްދަލުވެވަޑައިގަތީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުއެވެ. އޭރު ޕްރިންސް ފިލިޕަކީ ކަނޑުގެ ސިފައިންގެ ކެޑޭޓެކެވެ. ބުނެވޭގޮތުގައި އެލިޒަބަތުގެ އުމުރުފުޅުން ތޭރަ އަހަރުން ފެށިގެން މިދެބޭފުޅުންގެ މެދުގައި ސިޓީބިޓީ ބަދަލުކުރެވެން ފަށައިފިއެވެ. މިދެބޭފުޅުން އޭގެ ކުރިންވެސް އަދި ފަހުންވެސް ލޯބީގެ އެހެން ތަޖުރިބާއެއް ކުރެއްވިކަން އެނގިއެއް ނެތެވެ.
ޕްރިންސް ފިލިޕަކީ ހަގީގީ އިނގިރޭސިއެއް ނޫނެވެ. އޭނާ އުފަންވެވަޑައިގަތީ ގްރީސްގެ ޝާހީ އާއިލާއަކަށް ގްރީސްގައެވެ. އެކަމަކު ތުއްޕުޅުއިރުއްސުރެން ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ. ރަސްމީގޮތުން އިނގިރޭސި ރައްޔިތަކަށް ވެވަޑައިގަތީ އެލިޒަބަތާއި އެންގޭޖުވެވަޑައިގަތުން އިއުލާން ކުރުމާދިމާކޮށެވެ.