Last Updated: November 22, 23:40
Friday, November 22, 2024
ރިޕޯޓް

ނީލަމް: އައްޑޫން އުފަންވި ބިނާކުރަނިވި ފަހުރުވެރި އަންހެން ފުލުހެއް

ފުލުހުންގެ ކްރައިމް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ އަދި އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްއިން ހިންގާ ބައެއް ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުން މަސައްކަތް ކުރާ ސ. ހިތަދޫ ސީކޯ އައިޝަތު ނީލަމް ރަޝީދު އަކީ 2012 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ތެރޭގައި މަސައްކަތްކުރަމުން އަންނަ ހުނަރުވެރި ޒުވާނެކެވެ.

އޮސްޓްރޭލިޔާގެ މެލްބަން ޔުނިވަސިޓީން މާސްޓަ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް އިން މަތީ ތަޢުލީމު ހާޞިލު ކުރުމަށް ފަހު މި އަހަރުގެ ތެރޭގައި އަލުން ފުލުހުންގެ ވަޒީފާ އަށް ނުކުމެފައިވާ އިރު ދާދި ފަހުން އޮސްޓްރޭލިއަން ގްލޯބަލް އަލުމިނައި ވެބްސައިޓްގައި ނީލަމްގެ ޚިދުމަތް ފާހަގަކޮށް ޕްރޮފައިލެއް ގެނެސްދީފައިވެ އެވެ.

މި ގެނެސްދެނީ ޕޮލިސް ލައިފުން ނީލަމްއާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

* ފުލުހުންގެ ޚިދުމަތާ ގުޅުން

ފުލުހުންގެ ތެރޭގައި މަސައްކަތް ކުރުމުގެ ކުރިން ވެސް ނީލަމް ވަނީ ކައުންސެލަރެއްގެ ހައިސިއްޔަތުން ޖަލު ބަންދުގައި ތިބޭ މީހުންނާއި އެފަދަ މީސް މީހުންގެ އާއިލާތަކަށް ކައުންސެލިންގެ ޚިދުމަތް ފޯރުކޮށް ދިނުމުގައި ޢަމަލީ ގޮތުން މަސައްކަތްކޮށްފަ އެވެ.

އެ މަސައްކަތުގެ ތެރޭގައި އުޅުމަށް ފަހު ކްރިމިނޮލޮޖީ އަދި ސައިކޮލޮޖީގެ ދާއިރާ އިން ބެޗެލާސް ޑިގްރީ ފުރިހަމަ ކުރުމަށް ފަހު ފުލުހުންގެ ތެރޭގައި މަސައްކަތް ކުރުމަށް ލިބުނު ފުރުޞަތެއްގައި ސިވިލް މުވައްޒަފެއްގެ ގޮތުގައި ފުލުހުންގެ ވަޒީފާއާ އެންމެ ފުރަތަމަ ގުޅުނީ 2012 ވަނަ އަހަރުއެވެ.

ކްރިމިނޮލޮޖީގެ ދާއިރާއިން ތަޢުލީމު ހާޞިލުކޮށްފައިވުމާއި ޖިނާޢީ ކުށްކުށާއި ބެހޭ ގޮތުން މަސައްކަތް ކުރުވުމުގެ ތަޖުރިބާ ހުރުމާ އެކު ފުލުހުންގެ ތެރޭގައި މަސައްކަތް ކުރެއްވުމަށް ނީލަމްގެ ޝަޢުޤުވެރިކަން ވެސް ބޮޑެވެ.

"އަބަދުވެސް ބޭނުންވޭ އެހެންމީހުންނަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ ދާއިރާއަކުން ކުރިއަށް ދާން. އަޅުގަނޑުގެ މަސައްކަތުން އެހެންމީ ހެއްގެ ދިރިއުޅުމަށް ރަނގަޅު ގޮތެއް ވުމަކީ އަބަދުވެސް އެދޭ ކަމެއް." އެގޮތުން 2012 ވަނަ އަހަރު ފުލުހުންގެ ތެރޭގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ކައުންސެލަރެއްގެ ގޮތުގައިކަން ފާހަގަކުރެވެ އެވެ.

* މިހާރު އަދާ ކުރާ ދަޢުރު

މިހާރު ނީލަމްއަކީ ފުލުހުންނަށް ހުށަހެޅޭ ތަފާތު މައްސަލަތައް ދިރާސާކޮށް، މަޢުލޫމާތު އެއްކުރުމާއި ރާއްޖޭގެ ޖިނާޢީ ކުށުގެ ހާލަތަށް އަންނަ ބަދަލުތައް ދިރާސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ކްރައިމް އެނަލިސްޓެވެ. އެކި މައްސަލަތަކުގައި ގެނެވޭ ކުޑަކުދިންނަށް ކައުންސެލިންގ ދިނުމުގެ މަސައްކަތުން ފެށި މިމަސައްކަތް މިހާރު މިވަނީ އެތައް ގުނައަކަށް ފުޅާވެފައެވެ.

އެގޮތުން ކްރައިމް އެނަލިސްޓެއްގެ އިތުރުން ވެސް ނީލަމް ގެންދަނީ އޭނާގެ ޢިލްމީ ހުނަރާއި ތަޖުރިބާ އެތައް ބަޔަކަށް ހިއްސާކުރަމުންނެވެ. މިގޮތުން އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ އެކި ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރެ އެވެ. ކޮމިއުނިޓީ އޮރިއެންޓެޑް ނުވަތަ ރައްޔިތުންނާއި ރައްޓެހި ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށް ދިނުމުގެ ފަލްސަފާގެ ދަށުން ފުލުހުންގެ ތަމްރީނުތައް ބައްޓަންވެފައިވާ އިރު ނީލަމް ގެންދަނީ ސޯޝިއޮލޮޖީ، ލައިފް ސްކިލްސް، ކޮމިއުނިކޭޝަން، ސްޓްރެސް އެންޑް އރންގަ މެނޭޖްމަންޓް ފަދަ މާއްދާތައް ފުލުހުންގެ އެކިއެކި ތަމްރީނުތަކުގައި ކިޔަވައި ދެމުންނެވެ.

ވަކިން ޚާއްސަކޮށް ފުލުހުންނަށް ހިންގޭ ޑިޕްލޮމާ ފެންވަރުގެ ކޯސްތަކުގައި ކިޔަވައިދެވޭ ސޯޝިއޮލޮޖީ މޮޑިއުލް ފަރުމާކޮށްފައި ވަނީ ވެސް ނީލަމްގެ މަސައްކަތުންނެވެ.
އޮސްޓްރޭލިއަން ގްލޯބަލް އަލުމިނައި ވެބްސައިޓްގައިވެސް ފާހަގަކޮށްފައިވާ ފަދައިން ނީލަމްއަކީ އޭނާ އަށް ލިބި ހުރި ޢިލްމާއި ފަންނީ ހުނަރުގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފަމުންދާ ހީވާގި މުވައްޒަފެއްކަމުގައި ދަންނަވަން ޖެހެ އެވެ.

* ކާމިޔާބީތަކާއި ކުރިއެރުން

އޮސްޓްރޭލިއާ އެވާޑްސް ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން މާސްޓަސް ޑިގްރީ ހާސިލުކޮށްފައިވާ އިރު އޮސްޓްރޭލިއަން ގްލޯބަލް އަލުމިނައިގައި ނީލަމްގެ ޕްރޮފައިލްއެއް ހިމަނާފައިވުމަކީ ޝައްކެއް ވެސް ނެތް ގޮތުގައި ބޮޑު ކާމިޔާބީއެކެވެ. މިއީ އެ ޕްރޮގްރާމްގެ ދަށުން ކިޔެވި ދިވެހި ދަރިވަރެއްގެ ޕްރޮފައިލް އެވެބްސައިޓްގައި ހިމެނިގެން ދިޔަ ތިން ވަނަ ފަހަރެވެ.

މިފަދަ ފަޚުރެއް ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ މުވައްޒަފަކަށް ލިބުމަކީ ހުރިހާ ފުލުހުންނަށް ވެސް ލިބިގެން ދިޔަ ފަޚުރެކެވެ. ފުލުހުންގެ ތެރޭގައި ނީލަމް އަދާ ކުރަމުންދާ ދަޢުރާއި ސޯޝިއޮލޮޖީގެ އަލީގައި ފުލުހުންގެ މަސައްކަތުގެ އަޚްލާޤާއި ވައްޓަފާޅި ބައްޓަން ކުރުމަށް ކުރައްވާފައިވާ މަސައްކަތް އެޕްރޮފައިލްގައި ފާހަގަކޮށްފައިވެ އެވެ.

ނީލަމް ދެކޭގޮތުގައި އޭނާއަށް މި ދާއިރާއިން ލިބޭ އެންމެ މުހިއްމު ކާމިޔާބީއަކީ އަދި އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ވެސް ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބުމެވެ.

"ކޯސްތަކުގެ ކިޔަވައިދީފައި ތިބޭ ކުދިން އަބަދުވެސް ފެނުނީމާ ސަލާމް ގޮވާލާނެ. ހިނިތުންވުމާއެކު ވާހަކަ ދައްކާ. އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."

ފުލުހުންގެ ތެރޭގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ނީލަމްގެ މެސެޖަކީ މިއީ ގިނަގުނަ ފުރުޞަތު ލިބި ހުރި ދާއިރާއެއް ކަމެވެ. ފުލުހުންގެ ތެރޭގައި ޔުނިފޯރމް އޮފިސަރެއްގެ ގޮތުގައި ވެސް އަދި ނޮން ޔުނިފޯމްޑް ނުވަތަ ނޮން ސްވޯން އޮފިސަރެއްގެ ގޮތުގައި ވެސް ގިނަގުނަ ފުރުޞަތުތަކެއް ހުޅުވިފައިވާކަން ނީލަމް ފާހަގަކުރެއެވެ.

އެގޮތުން ކިޔެވުމުގެ ފުރުޞަތުތަކާއި ވެލްފެއަރގެ އެހެނިހެން ފުރުޞަތުތަކުގެ އިތުރުން ވެސް މި ދާއިރާއަކީ ގިނަ ބައެއްގެ އިޙްތިރާމާއި ލޯބި ލިބިގެންދާނެ ފަދަ މަސައްކަތްތަކެއް ކުރެވިދާނެ ދާއިރާއެއް ކަމަށް ވެސް ނީލަމް ފާހަގަކުރެ އެވެ.

ޕޮލިސް ލައިފުން އެދެނީ ނީލަމަށް އަބަދުވެސް ފާގަތިކަމާއި ކާމިޔާބީއެވެ. އަދި ފުލުހުންގެ ތެރޭގައި ސާބިތުކަމާއެކު ހިތްވަރާ އެކު އަބަދުވެސް ކުރިއަށް ދިއުމެވެ.

ނޯޓް: ޕޮލިސް ލައިފް" ގައި މި އާޓިކަލް ލިޔެފައި ވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރު އާތިފާ ޙަސަން