އާސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް، އެލެކްސިސް ސަންޗޭޒް އަންނަ ސީޒަނުގައިވެސް ހުންނާނީ އާސެނަލްގައި ކަމަށް ކޯޗު އާސެން ވެންގާ މިއަދު ބުނެފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޓްރެއިނިންއާއި ދުރުގައި ހުރުމަށްފަހު މިއަދު އާސެނަލްގެ ޓްރެއިނިންގައި ބައިވެރިވެފައިވާ ސަންޗޭޒް ކުލަބު ދޫކޮށް ދިއުމާއި މެދު ނޫސްވެރިޔަކު ވެންގާއާ ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނެފައިވަނީ ސަންޗޭޒް މި ޓްރާންސްފާ ވިންޑޯގައި އާސެނަލް ނޫން އެހެން ޓީމަކަށް ނުދާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލަށްފަހަށް ވެންގާ ވަނީ އޭނާ އަދިވެސް އުންމީދު ކުރަނީ ސަންޗޭޒް ކުލަބުގައި ގިނަ ދުވަސް ވަންދެން ދެމި ހުރުމަށް ކަމަށް ތަކުރާރުކޮށްފައެވެ. 28 އަހަރުގެ ސަންޗޭޒް ވަނީ އޭނާގެ ކޮންޓްރެކްޓު އާކުރަން އަދިވެސް އެއްބަސް ނުވެފައެވެ.
އޭނާ ކޮންޓްރެކްޓު އާނުކޮށްފިނަމަ އަންނަ ސީޒަނުގައި އަގަކާއި ނުލާ ކުލަބުން ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް ވެންގާ ވަނީ އޭނާގެ އެންމެ މުހިންމު ކުޅުންތެރިޔާ އެއްވެސް ޓީމަކަށް ވިއްކާލުމަށް ދެކޮޅު ހަދާފައެވެ. ފުޓުބޯޅައިގެ ދުނިޔޭގައި ސަންޗޭޒް ފްރާންސުގެ ޕީއެސްޖީއަށް ދާން އުޅޭ ކަމަށް ޚަބަރު ފެތުރުނު ނަމަވެސް ވެންގާ އޭނާ ވިއްކަން އެއްބަސް ނުވުމުން ޕީއެސްޖީ ވަނީ އޭނާ ހޯދަން ކުރި މަސައްކަތް ހުއްޓާލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.