ދިވެހި ސަރުކާރުން ހޮލެންޑުގެ ކުންފުންޏަކާއި ހަވާލުކޮށްގެން ޗައިނާގެ ބޯޓުޔާޑެއްގައި ބަންދާފައިވާ ކޮންނަބޯޓު ބާލައިފި ކަމަށް މިއަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. އަދި މާރިޗް މަސް ނިމުމުގެ ކުރިން މިއުޅަނދު ރާއްޖެ ގެންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެކަމަކު އަހަރު ނިމެމުން މިދަނީއެވެ. ކޮންނަބޯޓުގެ ޚަބަރެއް ނުވެއެވެ. އެވާހަކަ ދައްކާ ބަޔަކުވެސް ނެތެވެ.
މަހާޖައްރާފުގެ ނަންދީފައިވާ މިއުޅަނދަކީ 36 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ބަނދެފައިވާ އުޅަނދެކެވެ. ފަންސާސް މީޓަރު އަޑިންވެސް ވެލި ނެގޭނެކަމަށް ބުނެވެއެވެ. 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭ ކަމަށްވެއެވެ. ދިގުމިނަކީ 92.95 މީޓަރެވެ. ފުޅާމިނަކީ 16.30 މީޓަރެވެ. މިއުޅަނދު ބަނީ ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓުޔާޑުގައެވެ.
މާލެއަތޮޅުގައި ހިކެން އޮތިއްޔާ އޮތްހާ ތަނެއް މިހާރުވަނީ ހިއްކައި ނިމިފައެވެ. ބޭރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ވަރަށް ގިނައަތޮޅުތަކުގައި މިޒާތުގެ މަސައްކަތް ވަނީ ކުރެވިފައެވެ. މިހާރުވެސް ދަނީ ކުރެވެމުންނެވެ. އެހެންވީމާ މަހާ ޖައްރާފުން ހިއްކާނީ ކޮންތަނެއްތޯ ސުވާލު އުފެދެއެވެ. މިވަރުގެ އުޅަނދެއްގެ އޮޕަރޭޓިން ކޯސްޓް ނުވަތަ ހިންގުމުގެ ޚަރަދަކީ ވަރަށް ބޮޑު ޚަރަދެކެވެ. ފަޅުވެރީންގެ ގޮތުގައި ތިބެން ޖެހެނީ އެންމެ މަތީދަރަޖައިގެ ހުނަރުވެރި ކޮލިފައިޑް މީހުންނެވެ. އެކަހަލަ ބަޔަކު ނެތި އުޅަނދު އިންޝުއާއެއްވެސް ނުކުރެވޭނެއެވެ. މިއީ ހައުސިން މިނިސްޓަރު ގެންގުޅުއްވާ ކަހަލަ އިންޖިނޭރުންނަށް ކުރެވޭ ޒާތުގެ ކަމެއް ނޫނެވެ. އެވަރުގެ ފަޅުވެރީންގެ ޓީމެއް ހޯދުމަށް ކުރާންޖެހޭ ޚަރަދު ވަރަށް ބޮޑުވާނެއެވެ. މިއީ ރާއްޖެއިން ލިބޭން ތިބި ބައެއްވެސް ނޫނެވެ.
އެތެރެ ކޮއިލާއި ބޭރުކޮއިލުން ލިބޭ މައުލޫމާތަށް ރިއާޔަތްކުރާއިރު މަހާޖައްރާފު ރާއްޖެ ގެނައުމަށްވުރެ ކައިރީ ނުގެނައުމެވެ. ރާއްޖޭގައި މިއުޅަނދު އޮޕަރޭޓް ކުރުމަށްވުރެ ކައިރީ ބޭރު ބަޔަކަށް ވިއްކައިލުމެވެ. އޭގެ ސަބަބަކީ ކުރީން ބަޔާން ކުރެވުނު ގޮތަށް މާލެ ކައިރީގައިވާ ބޮޑެތި ފަޅުތައް ހިއްކައި ނިމުމާއި ބޮޑެތި ރަށްރަށުގެ ބިންހިއްކައި ނިމިފައިވުމާއި ދެން މަހާ މަޝްރޫއަކަށް ފެތޭ މަޝްރޫއެއް ހިންގާނެ ތަނެއް ފެންނާން ނެތުމެވެ. އަދި މިފަދަ ބިޔަ ބޮޑު އުޅަނދެއް ގެންގުޅުމުގެ މަހާ ޚަރަދުގައި ހިފައިގެން ގިނަދުވަހު ތިބުމަކީ އެމްޓީސީސީ ފަދަ ކުންފުންޏަކަށް ކުރެވޭނެ ކަމަކަށް ނުވާތީއެވެ. އަދި ދިވެހީންގެ ތެރޭގައި މިޒާތުގެ ކަމަކަށް އެކަށީގެންވާ ފަންނީ މީހުންވެސް ނެތުމުންނެވެ.
ކޮންނަބޯޓުގެ ތަޖުރިބާޔަކީ ދިވެހީންނަށް އައުތަޖުރިބާއެކޭ ބުނަނީއެއް ނޫނެވެ. އެއީ ބައު ތަޖުރިބާއެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ގެންގުޅުނު ކޮންނަބޯޓަކީ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދައުރުގައި ސިލޯނުން މީހުންނާއި ތަކެތި ގެނެސްގެން މާލޭގައި ބަންދާފައިވާ އުޅަނދެކެވެ. އެ އުޅަނދު ހިންގާން މަސައްކަތްކުރާން ތިބި ފަންނީ މީހުންނަކީ ބިދޭސީންނެވެ. އެއުޅަނދަށް އަރަބި ނަމަކުން ޖައްރާފޭ ކިޔައި ނަންދެއްވީ އޭރުގެ އުއްތަމަ ފަނޑިޔާރު ހުސައިން ސަލާހުއްދީނެވެ. މާނައަކީ ކޮންނަބޯޓެވެ. އެއުޅަނދުން ކުރި މަސައްކަތަކީ މާލޭ ފަޅު ފުންކުރުމެވެ. އޭރު ރާއްޖޭގައި ތިބި އެންމެ މުސާރަ ބޮޑުބަޔަކީ ޖައްރާފުގެ ފަޅުވެރީންނެވެ.
އޭރުގެ ޖައްރާފު އެތައްގުނައެއް ބޮޑުކޮށް މަހާޖައްރާފަކަށް ބަދަލުވުމުން އިހު އެކަންތައް ކުރިމަގުން މިޒަމާނުގައި ކުރެވޭކަށް ނެތެވެ. އެހެންވީމާ ޗައިނާގައި ބެންދި ކޮންނަބޯޓަށް މަހާޖައްރާފޭ ކިޔައި ނަންދިނަސް މިއުޅަނދު ރާއްޖޭގެ ސަރަހައްދުން ފެނުނީމާ ނޫނީ މިއުޅަނދު ރާއްޖެއަށް ގެންނާނެއޭ އަހުރެންގެ ހިތެއް ނުބުނެއެވެ. ސަބަބު މަތީގައި ބަޔާން ކުރެވުނީއެވެ.