އޮފީސް ކުރިމަތީގައި ކެފޭއެއް ހުރެއެވެ. އެތާގެ ބޭރުގައި ބަހައްޓާފައި ހުންނަ ޓީވީ އަބަދުވެސް ހުންނަނީ ވަކި ސްޓޭޝަނެއް އަޅުވައި އަޑުބާރުކޮށްފައެވެ. މިކަމާ ހިތާނުވެގެން ޝަކުވާކުރީމާ ކެފޭގެ ވެރިމީހާ ބުނީ އެއީ ހަށިރައްކަލަކަށް އަޅައިގެން އުޅޭ ތަވީދެއް ކަމުގައެވެ. ނުބައިނުލަފާ ރޫހުތަކުގެ ކިބައިން ރައްކައުތެެރިވުމަށް ކުރުސި ކިޔަވައި މެޔަށް ފުމޭ ބީދައިން ކޮށްގެން އުޅޭ ކަމެއް ކަމުގައެވެ.
އެެއްރޭ ނިކަން ދަންކޮށްފައި އެތަނަށް ވަދެއްޖައީމެވެ. އޭރު ދަރުބާރު އޮޅިޔަށް ބެރުޖަހައިދޭ ދެސޮރަކު އެއްކަލަ ޓީވީއަށް އަރައިތިބެ ނިކަން މަޖާވެފައި އަންބާ ޒާތުގެ ފަތިވަރުތަކެއް އެބައަމުނައެވެ. އިށީދެފައި އެވެރީން ކިޔާ އެއްޗަކަށް ވިސްނައިލިއިރު މިކިޔަނީ ވެރިކަމަށް ލާއިގު މީހަކު އެބުނާ ކޯލިޝަނުގައި ނެތެވެ. ފެންނަނީ އުމުރުހަމަވެ ގާނޫނުގެ އިއްދައިން ކެނޑިފައިވާ ދެ މީހަކާއި ދިގުމުއްދަތެއްގެ ޖަލު ހުކުމެއް އިއްވިފައިވާ މީހެކެވެ. މިވަރުންވެސް ވެރިކަމާ ތޮޅެން އެބަޖެހެއެވެ. އެވެނި ފައުންޑޭޝަނެއްގެ މިވެނި ބީފާނަކު ގިނިކަންޏާވެސް މިވެރިން ކިހިލިޖައްސަވައިފާނެއެވެ. އެއީ ކަށަވަރުކަމެކެވެ.
އަހުރެން ހިތުގައި ޖެހުނެވެ. ވަޅުގައި އޮންނަ ބޮކުގެ ވާހަކައިން މިސާލުޖަހައި އުޅެނީ މިޒާތުގެ މީހުންނަށެވެ. ވަޅުގައި އޮންނަ ބޮކަށްވެސް ދުނިޔެ ފެންނަނީ މިވެރީންނަށްވެސް ދުނިޔެ ފެންނަހައި ހަނިކޮށް ކުޑަކޮށެވެ. މިއީ ގައުމުގެ ކަތުން ދައްކާ ވާހަކަތަކާއި ކުރާ ކަންކަން ބަލަން އުޅޭ ބައެއް ނޫނެވެ. އިވެނީ އެތެރެކޮއިލުން އިއްވާ އަޑުތަކެވެ. ފެންނަނީ އެތެރެ ކޮއިލުގެ ދަޅަތަކެވެ. ދެން އެހެން މަންޒަރުތަކެއް ފެނުނަސް މިވެެރިން މިތާކަށް އަރުވައިފައި މިތިބެނީ ފެންނަހައި މަންޒަރުތަކާއި އިވޭހައި އަޑުއަޑުގެ ވާހަކަ ދައްކާކަށްވެސް ނޫނެވެ. މިވެރީންނަށް ބަނޑުހަނޑޫ ދީފައި ތިބެނީ މިޒާތުގެ ހޮޅިވާހަކަ ދައްކައި މީސްތަކުން މަގުފުރެއްދުމަށެވެ.
ބީފާނެއްގެ ވާހަކަ އެވެރީން ދެއްކީމާ މަވެސް މިއަދު ދައްކާނީ ބީފާނެއްގެ ވާހަކައެވެ. މިސާލު ގެންނާނީ ބީފާނަކުންނެވެ. އެންމެ ރަގަޅެވެ. ގާނޫނީ އިއްދައިން ދެމީހަކު ކެނޑުނީއެވެ. ހުރަގެއަށް ލެވުނީމާ އަނެކަކު ޑިސްކޮލިފައިވީއެވެ. އެހިސާބުން މަމެންނަށް އިރުއޮއްސި އަނދިރިވީބާވައެވެ. ނޫނެކެވެ. އަނދިރިކަން ފެތުރޭން ގާތެއްވެސް ނުވެއެވެ. ހުރަގެޔަށްލާން ނިޔާ އިއްވުނު މީހާގެ ގޭގައި ނަލަކޮށް ރިވެތިކޮށް އެ އިންނަވާ ބީފާނު ސިޔާސީ މައިދާނަށް މިއަދު ނުކުންނެވިއަސް ތިޔަބުނާ ދަރުބާރު އޮޅީގައި ތިބިއްޔާ ތިބިހައިބަޔަކު ކިހިލިޖައްސަވައިގެން ފަސޭހަކަމާއެކު ރޭސް ކާމިޔާބު ކުރައްވާނެއެވެ. މިއީ ދުވާލުގެ އިރުފަދައިން ސައުފު ކަމެކެވެ. އެހެންވީމާ މީހަކު ނެތިފައި ނެތެއްނޫންހެއްޔެވެ.
އަހުރެން މިބުނާ ބީފާނުވެސް ކިއްލާތެރޭގައި ތިން އަހަރެއްހައި ދުވަސް ހޭދަކުރެއްވިއެވެ. އެކަމަކު ދުވަހަކުވެސް ހޯއްގޮވައި ފުރައްސާރަކުރަން ބަޔަކަށް ފުރުސަތު ނުދެއްވައެވެ. އިމުން ބޭރުވެވަޑައި ނުގަންނަވައެވެ. ފިރިކަލުންގެ ހިޔަނިކަމަށް ވެވަޑައިނުގަންނަވައެވެ. ކިތަންމެ ވަރަކަށް ހޯދައި ބަލާން އުޅުނަސް ފަސްބައިން މިލައެއް ކުންޏެއް ފެންނާންެއޮތީކީ ނޫނެވެ. ހައްތާވެސް ފެންނަނީ ނިޔަނެތިކަމާއި ގަދަރުވެެރިކަމެވެ. އިލްމާއި އަޚުލާގުގެ ނަމޫނާއެވެ. މިއީ ޚުޝާމަދުކުރުމުގެ ބަސްތަކެއް ނޫނެވެ. މިއީ ހަތުރުންނާއި މިތުރުންވެސް އެއްބަސްވާ ހަގީގަތެކެވެ.
މީސްތަކުންގެ މެދުގައި މަގުބޫލު މީހަކަށްވެވެނީ ކަދުރުބަހައިގެނެއް ނޫނެވެ. ރުހޭ މީހުންނާއި ނުރުހޭ މީހުން ގިންތިކޮށް ވަޒީފާދީ ހައްޖުދަތުރު ދީގެނެއް ނޫނެވެ. ވައިކުޑައިން އުދުހި ޗަރުކޭހުގެ ކުޅިވަރު ކުޅެގެނެއް ނޫނެވެ. އަދިކިޔެއްތަ ޒާތްޒާތުގެ އޮފީސް ހަދައިގެން ތާއަބަދު ސަނާކިޔާ މީހުން ބައިތިއްބައިގެނެއްވެސް ނޫނެވެ. ބޭނުމީ އިޚުލާސްތެރިކަމާއި ރީތި ނިޔަނެތި މަޑުމައިތިރި އަޚުލާގަކާއި އުޅުމެކެވެ. އެވަރުން ފުދެއެވެ. އަހުރެން މިބުނާ ބީފާނުގެ ކިބައިން ފެންނަނީ ހައްތާވެސް މިސިފައެވެ. މީހުން ލޯބިވާނޭ ސިފަތަކެވެ. ދެއްކުންތެރިކަމުގެ ކަންފުޅެއްވެސް ނުފެނެއެވެ.
މިސިފަތައް ހާސިލްކުރައްވައިގެން ހުންނެވީމާ އަހުރެން މިބުނާ ބީފާނާއި ރައްޔިތުން ރުހިގެން ތިބީ މާވަރަކަށެވެ. މިހާތަނަށް މިރުހުމުގައި ސިޔާސީ ކުލައެއް ނުޖެހެއެވެ. އެކަމަކު ބޭނުންވީމާ އެކުލަ ޖައްސައިލެވިދާނެއެވެ. ސިޔާސީ ކުލަ ޖައްސައިލަން ތިންހަތަރު އެއްޗެއް ގުޅުވައިލީމާ ނިމުނީއެވެ. އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަޔާއި ހަރުކަށި މުރަނަ ގޮތްގޮތާއި ފޭޔަށް ޖެހުމުގެ ވާހަކަޔާއި ތާރީޚުގެ އައުބާބެއް ފަށައި އައު ތަޖުރިބާއެއް ކުރުންފަދަ ވާހަކަތައް ނިކަން ނަލަކޮށް ގުޅުވައިލެވިދާނެއެވެ.
އަހުރެން މިވާހަކަ ދެއްކީމާ އިސްލާމީ ގައުމެކޭ އަންހެނުންނޭ ހާކިމާއޭ ފިރިހެނުންނޭ ކިޔައިގެން ބަޔަކު ވާހަކަދެއްކުން އެކަށީގެންވެއެވެ. އެކަމަކު ބުނަން ހެއްޔެވެ. މިރާއްޖޭގައި އަންހެނުން ވެރިކަންކުރުމަކީ އައުކަމެއް ނޫނެވެ. އިސްލާމީ ގައުމުތަކުގައިވެސް އަންހެނަކު ވެރިކަންކުރުމަކީ އައުކަމެއް ނޫނެވެ. މިވާހަކަ މިދެއްކުނީވެސް ބީފާނެއްގެ ކުޅަދާނަކަމުގެ ވާހަކައިން ބަޔަކު މިސާލު ޖެހީމައެވެ. އެވެރީންނަށް ބުނެދޭން ބޭނުންވީ ކިހިލިޖަހައިގެން މިކަންތައް ކަށަވަރުކަމާއެކު ނިންމައިލެވޭނެ އެހެން ބީފާނެއްގެ ވާހަކައެވެ.