މެކްސިކޯގެ ކުރީގެ ރައީސް ވިންސެންޓް ފޮކްސްގެ ވަރުގަދަ ބަހުގެ ހަމަލާއެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އަމާޒުވެއްޖެއެވެ.
ޓްރަމްޕްގެ ޗުއްޓީ ހޭދަކުރުމުގެ ސިޔާސަތަށް ފާޑުކިޔަމުން ފޮކްސް ބުނެފައިވަނީ ވަޒީފާއާ މެދު ހިތްހަމަ ނުޖެހޭނަމަ އިސްތިއުފާދީފައި ގެއަށް ވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ޓްރަމްޕް ވަނީ ހުކުރު ދުވަހު ހަވީރު އޭނާގެ އަމިއްލަ ގޮލްފް ކުލަބަކަށް 17 ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމަށް ގޮސްފައެވެ. ޓްރަމްޕްގެ ޗުއްޓީއާ ބެހޭގޮތުން ކުރި ޓުވީޓަކަށް ރައްދުދެމުން ފޮކްސް ވަނީ ކީއްކުރަން ނަގާ ޗުއްޓީއެއްތޯ ސުވާލުކޮށްފައެވެ. އަދި މަގާމާއި މެދު ހިތްހަމަ ނުޖެހޭކަމަށްވާނަމަ އިސްތިއުފާ ދިނުމަށާއި ރައީސް ކަމަކީ ޓްރަމްޕްއަށް ހައްގު އެއްޗެއް ނޫން ކަމަށްވެސް ފޮކްސް ވަނީ ބުނެފައެވެ.
މެކްސިކޯއާއި އެމެރިކާ ދެމެދު ފާރެއް ރޭނުމުގެ ސިޔާސަތަށްވެސް ފޮކްސް ވަނީ މީގެކުރިން ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ފާރު ރޭނުމަށް މެކްސިކޯއިން ޚަރަދު ކުރަން ޖެހޭނެ ކަމަށް ޓްރަމްޕް ބުނުމުން ފޮކްސް ބުނެފައިވަނީ އަހަރުމެން އޭނާގެ ފާރު ރާނަން އެންމެ ލާރިއެއްވެސް ޚަރަދު ނުކުރާނެ ކަމަށެވެ.