ފުލުހުންނަށް ދޭ ޙަމަލާތައް ގިނައިން ކުރިމަތި ވަނީ ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވެ ފުލުހުންގެ މުއައްސަސާ ބަދުނާމުވާ ގޮތަށް ވާހަކަތައް ފެތުރޭ ދުވަސްވަރު ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފް ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާނަށް ޙަމަލާދީ ޒަޙަމްކޮށްލި ޙާދިސާއާ ގުޅިގެން ސިޕީ ނެރުއްވި ބަޔާނުގައި ވިދާޅުވީ ފުލުހުންނަށް އަމާޒުކޮށް މިފަދަ ޙަމަލާތައް މީގެ ކުރިން ވެސް ކުރިމަތިވެފައި ވަނީ ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވާ ދުވަސްވަރު ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށެވެ.
އެގޮތުން 2012 ވަނަ އަހަރުގެ ޕޮލިސް ސާޖަންޓް އާދަމް ޙަލީމަށް ވެސް ޙަމަލާދީ މަރާލާފައި ވަނީ އެފަދަ ދުވަސްވަރެއްގައިކަން ފާހަގަ ކުރެއްވި އެވެ.
ސީޕީ އަރީފް އަދި ވިދާޅުވީ މި ދުވަސްވަރަކީ ވެސް ޢާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ފުލުހުން އަދާ ކުރަމުންދާ ޤާނޫނީ ޒިންމާއަށް ޝުކުރު އަދާ ކުރުމުގެ ބަދަލުގައި ސިޔާސީ މަޤްޞަދުތައް ޙާސިލު ކުރުމަށްޓަކައި، ވަކިވަކި ފުލުހުންނަށް އަމާޒުކޮށް ބަޔަކު ނޭއްގާނީ ޢަމަލުތައް ހިންގަމުންދާ ދުވަސްވަރެއް ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުން ކުރަނީ ޢާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތްކަމުން ރައްޔިތުންނަކީ އެއް ޢާއިލާއެއް ކަމަށެވެ.
އަދި ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރަނީ އިސްލާމް ދީނާއި، ދިވެހި ޤައުމު ދެކެ ލޯބިވާ ކާބަފައިގެން ހިތްވަރުން ހިއްވަރު ލިބިގެން ކަމަށް ވިދާޅުވި އެވެ.
އަދި ފުލުހުން ޤާނޫނީ ޒިންމާ އަދާ ކުރުންމަތީ ފަސްނުޖެހި ދެމިތިބޭނެ ކަމަށް އަރީފް ވިދާޅުވި އެވެ.