"އިދިކޮޅު ސިޔާސީ" އޭ ބުނެފި ނަމަ އެއީ ކުށްވެރިއަކަށް މި ސަރުކާރުގައި ވެގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.
މިހާރު އަމަލު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީއަށް ނުވަ އަހަރު ފުރުން ފާހަގަ ކުރުމަށް އިދިކޮޅު ޕާޓީތކުން ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ ޤާނޫނު އަސާސީގައި ތިން ބާރު ވަކިވެފައި އޮންނަނީ އެއް ބާރުން އަނެއް ބާރަށް އަރައިގަންނަން ނޫން ކަމަށެވެ.
އެހެން ނަމަވެސް މިއަދު ފެންނަ މަންޒަރަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ޑިފެންސް މިނިސްޓްރީގެ ހުއްދައަކާ އެކު މަޖިލިސް ހުޅުވިގެންދާ މަންޒަރު ކަމަށެވެ.
"ރައްޔިތުންގެ މަޖިލީސް އޮތީ ބަންދުކޮށް، ހިސޯރުކޮށްފައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރު އަދާކުރަނީ ކިހިނެއްތޯ؟" އޭނާ ވިދާޅުވި އެވެ.
އަސްލަމް އަދި ވިދާޅުވީ ސުޕްރީމް ކޯޓް ހުޅުވެން ވެސް އޮތީ ހޯމް މިނިސްޓްރީގެ ހުއްދައާއެކު ކަމަށާއި އެ ކޯޓްގެ ހުރިހާ ތަޅުދަނޑި ފަތިތަކެއް ވެސް ޑިފެންސް މިނިސްޓްރީން ގެންގޮސްފައިވާ ކަމަށެވެ.
ޤާނޫނު އަސާސީ ތަސްތީޤު ކުރެވިގެން ދިޔައީ ގިނަ ގޮންޖެހުންތަކާއެކު ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަން ދަޢުލަތުގެ ހުއްދައަކާ ނުލައި، އެއްވެ އުޅެވިދާނެ ކަމަށް ޤާނޫނު އަސާސީގައި ބަޔާން ކުރެވިފައި ވަނީ އޮޅުމަކުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"މިވެރިކަމުގައި ގިނަ ބަޔަކު މަރާލާފައިވާ އިރު، ގިނަ މައްސަލަތަކެއް އަދިވެސް އޮތީ ތަހްޤީޤް މަރުހަލާގައި،" އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީންއާ ދިވެހި ރައްޔިތުން އަރާ ހަމަކުރާނެ. ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނެ. ރައީސް ޔާމީންގެ ވެރިކަން އިރާދަފުޅުކުރެއްވިއްޔާ ދާދި އަވަހަށް ނެތި ނިމިގެންދާނެ،"