އޯ ލެވެލް އިމްތިހާނާއި އޭ ލެވެލް އިމްތިޙާނުގައި އެކި މާއްދާތަކުން މުޅި ދުނިޔެ އިން އެއް ވަނަ ހޯދާ ދަރިވަރުންނަށް، މި އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލްގެ ނަމުގައި ޚާއްޞަ މެޑެލެއް ދެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ހޯމަ ދުވަހު ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ތަޢުލީމީ ދާއިރާ އިން ވޭތުވެ ދިޔަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އޯ ލެވެލް އިމްތިޙާނުގައި މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެ ބޮޑު ކުރިއެރުން ހޯދާފައި ވަނީ މިދިޔަ އަހަރުކަމަށް ވިދާޅުވި އެވެ. އަދި މުޅި ދުނިޔެ އިން އެއް ވަނަ އަށް ހޮވާލެވޭ ދަރިވަރުންގެ ޢަދަދު ވެސް އަންނަނީ އިތުރުވަމުން އަންކަން ފާހަގަ ކުރެއްވި އެވެ.