10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު ތައިލޭންޑްގެ އުމުރުން 91 އަހަރުގެ އަންހެނަކު އޭނާގެ ބެޗްލާސް ޑިގްރީ ހާސިލްކޮށްފި އެވެ.
ކިމްލާން ޖިނާކުލް ބުނާގޮތުގައި އޭނާ އަބަސުވެސް ޔުނިވާސިޓީ އަށް ދާން ބޭނުންވި ކަމަށާއި އެހެންނަމަވެސް ކުޑައިރު އެ ފުރުސަތު އޭނާއަށް ނުލިބުނީ ކަމަށެވެ.
އެހެންނަމަވެސް، ގިނަ އަހަރުތަކަކަށްފަހު އޭނާގެ އަމިއްލަ ދަރިން ޔުނިވާސިޓީ އަށް ގޮސް ތަޢުލީމް ހާސިލްކުރާތަން ފެނުމުން، އެންމެ ފަހުން އޭނާ ނިންމީ ޔުނިވާސިޓީ އަށް ވަންނަން ހުށައެޅުމަށެވެ. އޭނާ ޑިގްރީ ހާސިލްކޮށް ސެޓްފިކެޓް ހޯދާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
ކިމްލާން އަކީ އުތުރު ތައިލޭންޑްގެ ލަމްޕަންގް ޕްރޮވިންސަށް ނިސްބަތްވާ މީހެކެވެ. އޭނާ އަކީ ކުޑައިރު ވެސް ވަރަށް ތޫނުފިލި ދަރިވަރެކެވެ. އަދި އޭނާ ތަޢުލީމް ހާސިލް ކޮށްފައި ވަނީ އެ ޕްރޮވިންސްގެ އެންމެ މޮޅު އެއް ސްކޫލުންނެވެ.
އެހެންނަމަވެސް، ޔުނިވާސިޓީ އަށް ވަނުމުގެ ފުރުސަތެއް އޭނާއަށް ނުލިބުނެވެ. އެއީ އޭނާގެ އާއިލާ ބެންކޮކަށް ދިރިއުޅުން ބަދަލުކުރުމާއި ގުޅިގެންނެވެ. އަދި އެއަށްފަހު މާގިނަ ދުވަސްތަކެއް ނުވަނީސް، އޭނާ ޖެހުނީ ކައިވެނި ކުރުމަށްފަހު މަތީ ތަޢުލީމް ހާސިލް ކުރުމުގެ ހުވަފެން ދޫކޮށްލާށެވެ.
"އެކަމަކު، އަހަރެން އަބަދުވެސް ބޭނުންވި އަހަރެންގެ ކުދިން ކިޔަވަން. އެހެންކަމުން އެކުދިން ޔުނިވާސިޓީ އަށް ދާން ބޭނުންވީމާ، އަހަރެން އެމީހުންނަށް ހިތްވަރުދީ އެއްބާރުލުން ދިނިން"، އޭނާ ބުނެއެވެ.
ކިމްލާންގް ގެ ފަސް ކުދިން ތިބޭއިރު، އޭގެ ތެރެއިން ހަތަރު ކުދިން ވަނީ މާސްޓާސް ޑިގްރީ ހާސިލްކޮށްފައެވެ. އަދި އެކަކު ވަނީ އެމެރިކާ އިން ޕީއެޗްޑީ ވެސް ހާސިލްކޮށްފަ އެވެ.
ކިމްލާންގް ޔުނިވާސިޓީ އަށް އެންމެ ފަހުން އެންރޯލް ވީ އޭނާގެ ކުދިންގެ ތަޢުލީމީ ތަޖުރިބާގެ ސަބަބުންނެވެ.