ފުލުހުންނަށް ލިބުނު ސްކޮލަޝިޕް ފުރުސަތުތަކެއްގައި މަތީ ތަޢުލީމު ހާސިލްކުރުމަށް ހަތަރު ފުލުހަކު އިންޑިއާ އަށް ފުރައިފި އެވެ.
އިންޑިޔާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަސިޓީގެ ފަރާތުން ފުލުހުންނަށް ލިބުނު މި ސްކޮލަޝިޕް ފުރުސަތުތަކުގައި މަތީ ތަޢުލީމު ހާސިލް ކުރުމަށް އެ ހަތަރު ފުލުހުން ފުރީ ހުކުރު ދުވަހު އެވެ.
މަތީ ތައުލީމްގެ ސްކޮލަޝިޕް ލިބުނު ފުލުހުންނަކީ ބެޗްލާ އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަން އިން ޕޮލިސް ސްޓާފް ސަރޖަންޓް އާމިނަތު ރައިޙާނާ، ބެޗްލާ އޮފް ޓެކްނޮލޮޖީ އިން އިލެކްޓްރޯނިކްސް އެންޑް ކޮމްޕިއުޓަ އިންޖިނިއަރިން ދާއިރާ އިން ޕޮލިސް ސަރޖަންޓް މޫސާ ނީވީން، ބެޗްލަ އޮފް ސައިންސް އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ދާއިރާ އިން ޕޮލިސް ސްޓާފް ސާޖަންޓް އިބްރާހީމް އަކްރަމް އަދި ބެޗްލަ އޮފް ސައިން އިން ބަޔޯޓެކްނޮލޮޖީ ދާއިރާ އިން ޕޮލިސް ކޯޕްރަލް އާދަމް ހަލީމެވެ.
ފުލުހުންނަށް ލިބުނު މި ސްކޮލަޝިޕްތަކުގެ ތެރެއިން ދެ ކޯހެއްގެ ޓިއުޝަން ފީ އާއި ދެ ކޯހެއްގެ 50 އިންސައްތަ ޓިއުޝަން ފީ ދިނުމަށް ހަމަޖެހިފައި ވަނީ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީންނެވެ. އެގޮތުން އެޔުނިވަސިޓީން 100 އިންސައްތަ ޓިއުޝަންފީ ހަމަޖައްސާފައި ވަނީ ބެޗްލަރ އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަން އާއި ބެޗްލާ އޮފް ޓެކްނޮލޮޖީ އިން އިލެކްޓްރޯނިކްސް އެންޑް ކޮމްޕިއުޓަ އިންޖިނިއަރިން ކޯހެވެ.
އަދި 50 އިންސައްތަ ޓިއުޝަން ފީ ދިނުމަށް ހަމަޖައްސާފައިވާ ދެ ކޯހަކީ ބެޗްލަ އޮފް ސައިންސް އިން އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ބެޗްލަ އޮފް ސައިން އިން ބަޔޯޓެކްނޮލޮޖީ ކޯހެވެ.