"ހަލާލު ނޫން ފައިސާތަކެއް ގެއަށް ވެއްދި"ކަމަށް ވިދާޅުވެ ރޭ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު ހެޔޮ ނޭދޭ ފަރާތްތަކުން އޮޅުވާލަމުންދާކަމަށް ޕީޕީއެމް ބުނެފިއެވެ.
ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނީ ރައީސް އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ރައީސް އޮފީހުގައި އުޅުނު އަދި މިހާރު އަލްޖަޒީރާގައި މަސައްކަތް ކުރަމުން އަންނަ ވިލް ޖޯޑަން ތައްޔާރުކުރި "ސްޓީލިން ޕެރެޑައިސް"ގެ ރިޕޯޓާ ގުޅިގެން ކަމަށެވެ.
ރޭ "ރުމާލު 2" ޖަގަހަ ހުޅުވަން ބޭއްވި ހަފްލާގައި ރައީސް އަބްދުﷲ ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެމަނިކުފާނަށް އެތައް ފަރާތަކުން ފާޑު ވިދާޅުވަމުން ދަނިކޮށް ޕީޕީއެމްއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވިލް ޖޯޑަނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދިވެހި ރައްޔިތުންނާއިމެދު ހިންގި ލާއިންސާނީ އަމަލުތައް ފަސްއަޅައި ޕްރޮޕަގެންޑާ ފެތުރުމަށް، ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރައެއް ދީފައި ރައީސް އޮފީހުގެ މަސައްކަތަށް ގެނެސްފައި ހުރި މީހެއް ކަމަށެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރައީސް ގެ އެވާހަކަފުޅު އޮޅުވާލައިގެން ގެނެސްދެމުންދަނީ ރައްޔިތުންނަށް ހެޔޮ ނޭދޭ ބައެކެވެ.
ރައީސް ރޭ ދެއްކެވި ވާހަކަފުޅު ތަހްގީގު ކުރުމަށް ޕޮލިހަށާއި އޭސީސީއަށް ހުށަހެޅުމަށް އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ ނިންމާފައެވެ.