Last Updated: January 27, 19:18
Monday, January 27, 2025
ޚަބަރު

"ޤާސިމް އަވަހަށް ބޭރަށް ފޮނުވަން ޖެހޭ"

ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރިޝްވަތު ދެއްވިކަމުގެ ދައުވާ ސާބިތުވެ 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޖުމްހުރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ޙާލަތު ބެއްލެވުމަށްފަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކަނޑައެޅި ޑޮކްޓަރަކު ވެސް ލަފާ ދެއްވީ ވީހާވެސް އަވަހަކަށް ޤާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށެވެ.

އެގޮތުން ކަރެކްޝަންސުން ކަނޑައެޅި ޑޮކްޓަރުގެ ވެސް ލަފާއަކީ ވީހާވެސް އަވަހަށް ޤާސިމް ރާއްޖެއިން ބޭރަށް ފޮނުވުން ކަމަށް މިއަދު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފައި ކަމަށް މިހާރު ނޫހުން ރިޕޯޓް ކުރެއެވެ.

އެހެންނަމަވެސް އަދިވެސް ޤާސިމް އަށް ފުރުމުގެ ހުއްދަ ދީފައި ނުވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ވަނީ ޤާސިމް އިތުރު ފަރުވާއަށް ބޭރަށް ފޮނުވުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް އަމުރުކޮށްފަ އެވެ. އެހެންނަމަވެސް އަދިވެސް ޤާސިމް އަށް ބޭރަށް ފުރުމުގެ ހުއްދަ ލިބިފައި ނުވާތީ އާއި ކްރިމިނަލް ކޯޓުން ކުރި އަމުރު ތަންފީޒް ކުރުން ލަސްވާތީ، އިތުރު އަމުރެއް ނެރެދިނުމަށް އެދުމުގެ މަސައްކަތް ޤާސިމްގެ ޤާނޫނީ ޓީމުން ދަނީ ކުރަމުންނެވެ.

އައިޖީއެމްއެޗް ގެ ސީނިއާ ކޮންސަލްޓެންޓް އިން ކާޑިއޮލޮޖީ ކަމަށްވާ ޑރ. އަލީ ޝަފީޤު ވަނީ ޤާސިމްގެ ބަލި ޙާލަތު ބެއްލެވުމަށްފަހު، ހިތުގެ ދެ ޓެސްޓެއް ހެދުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެ ލިޔުމެއް ދެއްވާފައެވެ.