ކޮންމެވެސް ރެސްޓޯރަންޓެއްގައި އަހުރެން ގަހުވަ ބޯން އިންދައި މިތާކަށް އެރެސްޓޯރަންޓުގެ ބޮޑުކައްކާ އަތުވެއްޖެއެވެ. މީނާޔަކީ އެއްމުދައު ބެހޭވަރަށް އަހުރެންނާ ތިމާގެ ބޭބެއެކެވެ. މީނާ އައިސް ގޮނޑިއެއް ދަމައިގެންފައި އިށީދެ ބުންޏެވެ. ކޮއްކޯއޭ ހައުދަހައިވަރަކަށް ހަޅަޖަހާ މޫސުމެކެވެ. އިރުވަޔަކަސް ހުޅަނގަކަސް މިހާރު އޮންނަނީ ހަޅަޖެހުމެވެ. އަހުރެން ބުނެފީމެވެ. ބޭބޭވޭ ތިޔަ ބުނި އެއްޗެއް މޭރުމެއް ނުވިއެވެ. އެހެންވީމާ ތިޔަށްވުރެ ތިލަކޮށްލުމުގައި އޮތީ ކޮން ގެއްލުމެއް ހެއްޔެވެ.
މިބޭބެ ބުންޏެވެ. ބައެއްކަންކަމީ މޭރުންވުމަށްވުރެ ނުވުން މޮޅުއިތުރުވެގެންވާ ކަންކަމެވެ. އެކަމަކު ބޭބެމެން މިންވަރަށްވުރެ އަނގަ ގަދަވީމާ މިޒާތުގެ ވާހަކަ ދެއްކެނީއެވެ. މިހައިރު މިއޮތީ އެކަހަލަ ވާހަކައެއް ފެށިފައެވެ. ކޮންމެވެސް ނޫހެއްގައި ގަޓުހުރި މީހުންނާއި ގަޓުނެތް މީހުންގެ ވާހަކަ ލިޔެފައިވަނިކޮށް ފެނިގެން ކޮއްކޯގެ ޅިޔަން މަނިކުފާނު މާގަދައެއްކޮށް ކޯފާއިސްކުރައްވައި ފައިބެ ރަމަޟާންމަހުން ދުވަހެއްގެ އިރުއޮއްސޭންދިޔަ ގަޑީގައި ކޮއްކޯއަށް ވަރެއް ކޮށްލިޔޭ މީހުން ކިޔާތީ ބޭބެޔަށްވެސް އަޑު އެބައިވެއެވެ. މިކަމާ ހިތާނުވެގެން ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތައް ކޮއްކޯ ހޭދަކުރީ ރާއްޖެއިން ބޭރުގެ ކަރައެއްގަޔޭވެސް މީހުން ކިޔަތެވެ. މިވާހަކައިގެ ތެދުދޮގު ބަލައިލާނަމޭ ހިތަށް އެރިވަރުން ކޮއްކޯ މިއަދު ފެނުނީމާ އާދެވުނީއެވެ.
އަހުރެން ބުނީމެވެ. ބޭބެ ތިޔަބުނި ކަންތައް ކޮންމެވެސް ސިފައެެއްގައި އޮތީ ހިނގައިފައެވެ. އެލިޔުމަކީ އަހުރެން ލިޔުނު ލިޔުމެއްވެސް ނޫނެވެ. ޅިޔަން މަނިކުފާނު އަހުރެންދެކެ އެވަރަަށް ކޯފާ އިސްކުރައްވާންވީ އަހުރެން ލިޔުނު އެއްޗެއްނަމަތާއެވެ. އެހެންވިޔަސް ދެން މައްސަލައެއް ނެތެވެ. އެވާހަކަ ދައްކަމުން ހިނގުމަކީ އަހުރެންނަށް ވަކި މޮޅެއް ލިބޭން އޮތްކަމެއް ނޫނެވެ. މިގޮތް ވިސްނުނީމާ މިހިރީ އެވާހަކަ އިތުރަށް ނުދައްކާން ކަމަށް ނިންމައިގެންނެވެ. މިވަރަށްވެސް މިބުނީ ތިޔައީވެސް މަގޭ ބޭބެއަކަށްވާކަމަށްޓަކައެވެ.
މިހިސާބަށް އަހުރެންގެ ވާހަކަ ދިޔަތަނާ މިބޭބެ ދެންހެވޭ ދެންހެވޭ ފުދިއްޖެޔޭ ބުނެފިއެވެ. އަދިވެސް ބުންޏެވެ. ބޭބެޔަކީ ކައްކާ މީހަކީމެވެ. ބޭބެގެ ވެރިމީހާޔަށް ބިރުން އޭނާގެ ޖީބަށް ބާރުބޮޑުވެ ރުޅިއަތުވެދާނޭތީ މޭގުޑާވަރުން ބަދިގޭގައިހުރި ކުނިބިސް އުކާނުލައި އެބިހުން ބިސްގަނޑުއަޅައި މީސްތަކުންގެ ނާސްތާޔަށް ފޯރުކޮށްދިނުމަކީ ބޭބެގެ ގަޓުކަން ބާވައެވެ. ނޫނިއްޔާ ފިނޑިކަމާއި ގޮތްކުޑަކަން ބާވައެވެ. އެއީ ބޭބެގެ ވިޔާނުދާކަމާއި ފިނޑިކަމޭ ނޫން ގޮތަކަށް ހަމައެކަކުވެސް ނުބުނާނެއެވެ. ކުނިބިހުގެ ބިސްގަނޑު ކައިގެން މީސްތަކުންގެ ސިއްހަތު ޚަރާބުވުމުގެ ޒިންމާވެސް އެޅޭނީ ބޭބެގެ ބޮލުގައެވެ. މީސްތަކުން އެހެން ކިޔާން ފެށީމާ ބޭބެ ކިތަންމެ ރުޅިޔެއް އައިސްއައިސްފައި ގޭތެރޭގެ ކުދިވެރީންނަށް ގަޓު ދައްކާން އުޅުނަސް ހަގީގަތް ބަދަލެއް ނުވާނެއެވެ.
ކޮއްކޯއޭ ބޭބެޔަށްވެސް ތަރުކާރީޔާއި މަހާއި ބިސް ކުނިވީމާ އެނގެއެވެ. މިވަޒީފާ ދީފައި މިހިރީވެސް އެހެންވެއެވެ. އެކަމަކު ބޭބެޔަށް ވަޒީފާ ދިން މީހާ ރުއްސައި އޭނާގެ ޖީބަށް ލުއިކުރާން އުޅެގެން އެބަޔަކަށް ޚިދުމަތްކުރާން ލާޒިމުކުރާ ކަސްޓަމަރުންނަށް ހަރާންކޯރުވީމާ ދެން މިޖެހެނީ ކޮންތާކުބާވައެވެ. ބޭބެޔަކީ މޮޅަށް ކައްކާން ދަންނަމީހެކޭ އެވެނި މިވެނިތަނަކުން ދީފައި ހުރި ސަނަދުތައްވެސް މިހިރީޔޭ ކިޔައިގެން މުޅިރަށުގައި ދެކޮޅަށް ހިނގިޔަސް ބޭބެގެ މޮޅުކަން މީސްތަކުން ގަބޫލުކުރާނޭ ބާވައެވެ. ނުކުރާނޭކަން ޔަގީނެވެ. އެ ސަނަދުތައް ބޭބެޔަށް ދިން މަކުތަބަކަށްވެސް އެވެރީން ލައުނަތް ދޭނެއެވެ.
ކޮއްކޯއޭ މިބުނަނީ ފިސާރި ތެދެކޭ ބޭބެގެ ކިބައިގައި ނެތް ގަޓެއް އެބަހުއްޓޭ އެކަކުވެސް ނުބުނާނެއެވެ. ބޭބެޔަށް ލިބޭ މުސާރަޔަކާއި ދެންވެސް އަންނަ އިނާޔަތްތަކަށް ބުރަވެހުރެގެން ބޭބެގެ މަސައްކަތަށް އޮންނާންޖެހޭ އިޚުލާސްތެެރިކަމާއި ތެދުވެރިކަން ދޫކޮށްލައިފިއްޔާ އެއީ ބޭބެގެ ކިބައިގައި ގަޓުނެތީއެވެ. ވެރިމީހާ ރުއްސައި ކަސްޓަމަރުންނަށް މަކަރާއި ހީލަތް ހެދުމުގެ އީމާނަށް ގަޓޭ ކިޔާ ބަޔަކު މިދުނިޔެއަކު ނޫޅެއެވެ. އެޔަށް ކިޔާނީ ފިނޑިކަމާއި ގޮތްކުޑަކަމެވެ. މިހިސާބަށް ދިޔައީމާ އަހުރެން ބުނެފީމެވެ. ބޭބޭވޭ ތިބާއީ ތެދެކޭ އެކަމަކު މަށަށް ހެވީ ތިޔަ ވާހަކަ ހުއްޓައިލިއްޔާއެވެ.
އަހުރެން އެހެން ބުނީމާ ގޮނޑީން ތެދުވެ ހީގެންފައި މިބޭބެ ބުންޏެވެ. ކޮއްކޯއަށް މިވާހަކަ އަޑުއަހާން ފަސޭހަ ނުވާނޭކަންވެސް އެނގެއެވެ. އެކަމަކު ކޮއްކޯއޭ ބޭބެ މިހާރުގޮސް މިތާގެ މެނޫގައި އަރަބި މޮޅު އަރަތެއް ލިޔެފައި އެއީ ކާނާއެކޭ އަންގައިފާނަމެވެ. ދެން މިކާނާއެއް ނުލިބިގެން މީސްތަކުން ޝަކުވާކުރާން ފެށީމާ ބޮލަށް އުނދަގޫ ވެގެން އެތައް ދުވަހެއް ފަހުން ނުކުމެ ބަލަގަ ކަލޭމެންނަށް ނޭނގެނީހޭ މިޔަކު ސުވާލު އުފައްދާނޭ ޖާގައެއްވެސް ނެތެއް ނޫންހޭ މިއޮތީ މިއޭ ބުނީމާ ބޭބޭގެ މަސްއޫލިއްޔަތު އޮންނާނީ އަދާކޮށް ނިމިފައެވެ. ބޭބެގެ ވެރި މީހާވެސް ލައްކަ އުފާވާނެއެވެ. އެއީ ބޭބެގެ ގަޓުކަމަށް ބަޔާންކޮށް ކޮއްކޯވެސް ނޫސްތަކުގައި ކޮލަމް ލިޔެދޭންވާނެއެވެ. މިހެން ބުނެފައި މިބޭބެ ހަރުކޮށް ހިނގާފައި ނުކުމެގެން ހިނގާއްޖެއެވެ. އަހުރެން ހައިރާންވެފައި ހުރީއެވެ.