Last Updated: November 27, 13:36
Wednesday, November 27, 2024
ދުނިޔެ

ސްވައިން ފްލޫގައި 1،000 އަށް ވުރެ ގިނަ މަރު

ފޮޓޯ: އޭއެފްޕީ

ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ސްވައިން ފްލޫ (އެޗް1އެން1 ވައިރަސް) ޖެހުމުގެ ސަބަބުން 1،094 މީހުންގެ މަރު ރެކޯޑް ކުރެވިފައިވާ ކަމަށް މިދިޔަ ބުދަ ދުވަހު ނެރުނު ރަސްމީ ރިޕޯޓަކުން ބުނެފި އެވެ.

އެ ރިޕޯޓްގައި ވާ ގޮތުން އޮގަސްޓް މަހުގެ ފުރަތަމަ ތިން ހަފްތާގެ ތެރޭގައި ވެސް 342 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.

އަދި އިންޑިއާގެ އެކި ހިސާބުތަކުން ސްވައިން ފްލޫގެ 22،186 މައްސަލަ ވަނީ ރިޕޯޓް ކުރެވިފައެވެ.

2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ސްވައިން ފްލޫގެ ސަބަބުން މަރުވި މީހުންގެ އަދަށްވުރެ މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ ހަތަރު ގުނައަށް އިތުރުވެފަ އެވެ.

އެންމެ ބޮޑަށް ސްވައިން ފްލޫގެ އަސަރު ކޮށްފައި ވަނީ އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަހަރާޝްތްރާ އަށެވެ. އެގޮތުން އެ ސްޓޭޓްގައި 437 މީހުން ވަނީ މަރުވެފައި ކަމަށް ޔޫނިއަން ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ގުޖްރާތު ގައި ކަމަށް ޕީޓީއައި އިން ރިޕޯޓް ކުރެއެވެ. އެގޮތުން ސްވައިން ފްލޫގެ ސަބަބުން ގުޖްރާތްގައި މިއަހަރުގެ މިހާތަނަށް 297 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މީގެ ދެ އަހަރު ކުރިން އިންޑިއާގައި ސްވައިން ފްލޫގެ މައްސަލަ ވަރަށް ބޮޑުވެގެން ދިޔައެވެ. އެގޮތުން އެއިރު 1،900 އަށްވުރެ ގިނަ މީހުން އެ ބަލީގައި މަރުވެގެން ދިޔައެވެ. އެކަމަކު، 2016 ވަނަ އަހަރު އެ ބަލި ޖެހުނު މީހުންގެ އަދަދު މަދުވެ (1،786) އަދި ސްވައިން ފްލޫގެ ސަބަބުން މަރުވި މީހުންގެ އަދަދު ވެސް ވަނީ މަދު (265) ވެފައެވެ. ނަމަވެސް މި އަހަރު އެ އަދަދުތައް ވަނީ އަނެއްކާވެސް އިތުރުވެފަ އެވެ.

އިންޑިއާގައި ސްވައިން ފްލޫގެ މައްސަލަ އެންމެ ބޮޑުވެފައި ވަނީ 2009 އާއި 2010 އާއި ދެމެދު އެވެ. އެ ދުވަސްވަރު އިންޑިއާގެ އާބާދީގެ ގާތްގަނޑަކަށް 50،000 މީހުންނަށް ސްވައިން ފްލޫގެ އަސަރުކޮށް، ޤައުމުގެ އެކި ހިސާބުތަކުން 2،700 އަށްވުރެ ގިނަ މީހުން މަރުވި އެވެ.

އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޝާންތީ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރު ކަމަށްވާ ޑރ. ސަންޖޭ ގުރޫރާޖް ބީބީސީ އަށް ދިން އިންޓަވިއުއެއް ގައި ވިދާޅުވީ، އަމިއްލަ ސިއްހީ އިދާރާތަކުގެ ތަފާސް ހިސާބުތައް ސަރުކާރުގެ ޑޭޓާބޭސް އަށް ރިޕޯޓް ކުރުމަކީ ލާޒިމް ކަމެއް ނޫން ކަމަށާއި، އެހެންކަމުން ލަފާކުރެވޭ ގޮތުގައި މިހާރު ޗާޕް ކުރެވިފައިވާ ރަސްމީ ރިޕޯޓްގައިވާ އަދަދުތަކަށް ވުރެ ސްވައިން ފްލޫ ޖެހި، އެ ބަލީގައި މަރުވި މީހުންގެ އަދަދުތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.