އޮންލައިން ނޫހެއްގައި ވަރަށް ޒާތެއްގެ ވާހަކައެއް ލިޔެފައިވަނިކޮށް މިއަދު ފެނިއްޖެއެވެ. ހޮޅިވާހަކަ ނުދައްކާށޭ ކިޔާފައި ލިޔެފައިއޮތް ވާހަކައެކެވެ. ދެން އަހަރެންވެސް ހޮޅިވާހަކައަކީ ކޮބައިކަން ދެނެގަތުމަށްޓަކައި އަވަސް އަވަހަށް މިލިޔުން ކިޔައިލިއިރު އަސްތާ ލިޔުންތެރިޔާ ލިޔެފައިހުރީ ހައްތާވެސް ހޮޅިވާހަކައެވެ. ހޮޅިވާހަކަ ނުދައްކާށޭ ކިޔާފައި މިދެއްކީ ހޮޅިވާހަކައެވެ. މުޅިންވެސް ހޮޅިވާހަކައެވެ.
އަވައްޓެރި ގައުމެއްގެ ސަފީރަކު ދިވެހި ނޫސްވެރިންނަށް ދިން ރޭގަޑުގެ ކެއުމެއްގެ ވާހަކައެވެ. އެމްޑީޕީގެ ވެރިކަމުގައި ޖީއެމްއާރުގެ މައްސަލަ ހޫނުވި ދުވަސްވަރުގެ ވާހަކައެވެ. ދިވެހި ނޫސްވެރިންނާ ގާތްގުޅުމެއް ބާއްވަމުން އައި ސަފީރަކަށްވާތީ ޑިޕްލޮމެޓިކް ވަޒަނުން ބޭރުގައި ގޮވައިލި ތަކެތީގެ ވާހަކައެވެ. ސަފީރު ރުޅިގަދަވެ ދިވެހީންނަކީ ސްޓޭޓްލެސް ބައެކޭ ބުނި ވާހަކައެވެ. ލިޔުންތެރިޔާ މާނަކުރިގޮތުން ސްޓޭޓްލެސްއަކީ ގައުމިއްޔަތެއް ނެތުމެވެ. ސަފީރުގެ ޖަޒުބާތު ކޮންޓްރޯލުން ނެއްޓި ރާއްޖެއާއި ދިވެހިންނާ ދޭތެރޭ ދެކޭ ގޮތް ވަރަށް ރަނގަޅަށް ވަޒަން ކުރެވުނު ވާހަކައެވެ.
ލިޔުންތެރިޔާ އިޝާރާތްކުރެއްވި ގައުމަކީ އިންޑިޔާއެވެ. ސަފީރަކީ ނިޔަނޭޝްވަރް މުލޭއެވެ. މިއީ އާދައިގެ ސަފީރެއް ނޫނެވެ. މީނާޔަކީ އިންޑިޔާގެ ޚާރިޖީ ދާއިރާގެ ވަޒީފާއަށް 1983 ވަނަ އަހަރު ނިކުންނެވިފަހުން ފަސްއެނބުރި ނުބައްލަވައި ރޮކެޓް ސްޕީޑުގައި ކުރިޔަށް ވަޑައިގަންނަވާ ކެރިއަރ ޑިޕްލޮމެޓެކެވެ. ޖަޕާނުގެ ޓޯކިޔޯ، ރަޝިޔާގެ މޮސްކޯ، މޮރިޝަސްގެ ޕޯޓްލުއިސް، ސީރިޔާގެ ދިމިޝްގު އަދި އެމެރިކާގެ ނިއުޔޯކުގައި މަސައްކަތް ކުރައްވާފައިވެއެވެ. މިއީ ދިވެހިރާއްޖޭގެ އިތުރުން އޭނާ މަސައްކަތްކުރެއްވި ތަންތަނެވެ. މީގެ އިތުރުން އިންޑިޔާގެ ފޮރިން މިނިސްޓްރީގެ ތެރޭގައި ބޮޑެތިބޮޑެތި މަގާމުތައް ފުރުއްވާފައިވެއެވެ. މިހާރުވެސް ހުންނެވީ ފޮރިން މިނިސްޓްރީގެ ބޭރުގެ ގުޅުންތަކާބެހޭ ޚާއްސަ ޑިޕާޓްމަންޓެއްގެ ވެރިޔާގެ މަގާމުގައެވެ.
މުލޭއަކީ މޮޅު އަދީބެކެވެ. އެތައްއެތައް ފޮތެއް ލިޔުއްވައި އެފޮތްތައް ތަފާތު ބަސްބަހަށް ތަރުޖަމާ ކުރެވިފައިވެއެވެ. މީގެ ތެރެއިން އެއްފޮތް މަހާރަޝްތުރާ ސްޓޭޓްގެ ޔުނިވަރސިޓީއެއްގެ އާރޓްސް ކަރިކިއުލަމްގައި ހިމަނާފައިވެއެވެ. މިހުރިހާ ވާހަކައެއް މިލިޔުނީ މުލޭއަކީ އާދައިގެ މީހެއް ނޫންކަން ސާބިތުކޮށްދިނުމަށެވެ. އޭނާއަކީ ސްޓޭޓާއި ސްޓޭޓްލެސްވުމާއި ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތައް ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ބޭފުޅެއްކަން ސާބިތުކޮށްދިނުމަށެވެ.
ސްޓޭޓަކީ ވަކި އަމިއްލަވެރިކަމަކާއި އަމިއްލަ ސަރަހައްދެއް ކަނޑައެޅިފައި އޮންނަ ތަންތަނަށް ކިޔާ ނަމެއްކަން މުލޭއަށް އެނގިވަޑައިގަންނަވާނެއެވެ. އޭނާ ސަފީރުކަމާއިގެން ދިވެހިރާއްޖެއަށް ފޮނުވީވެސް އެހެންވެއެވެ. ދިވެހިރާއްޖޭގެ ރައީސްގެ އަތްޕުޅަށް ސަފީރުކަމުގެ ފަތްކޮޅު އެރުވީވެސް ދިވެހިރާއްޖެއަކީ ސްޓޭޓަކަށްވަތީ އެކަން ގަބޫލުކުރާކަން އަމަލާއި ބަހުން ދެއްކުމަށެވެ. ސްޓޭޓަކީ ކޮންއެއްޗެއްކަން ނޭނގޭވަރުގެ ޖާހިލުން ސަފީރުންގެ ގޮތުގައި އިންޑިޔާއިން ބޭރު ގައުމުތަކަށް ނުފޮނުވާނެއެވެ. އެއީ ކަށަވަރުކަމެކެވެ.
ދިވެހިރާއްޖެއަކީ ސްޓޭޓެއްކަމާއި ދިވެހީންނަކީ އެސްޓޭޓަށް ނިސްބަތްވާ ރައްޔިތުންކަން މުލޭ ގަބޫލު ނުކުރައްވާނަމަ މިގައުމަށް ސަފީރެއްގެ ގޮތުގައި ވަޑައިގަންނަވާކަށްވެސް ނުޖެހޭނެއެވެ. ވަޑައި ނުގަންނަވާނެއެވެ. ސްޓޭޓަކީ ދައުލަތެވެ. ސްޓޭޓްލެސްއޭ ބުނެވޭ ބަހުގެ މާނަޔަކީ ގައުމިއްޔަތެއް ނެތުމެއް ނޫނެވެ. ގައުމިއްޔަތު ނެތުމަކީ މުޅިން އެހެން އެއްޗެކެވެ. އެޒާތުގެ ކަންކަމަށް އިނގިރޭސިބަހުން ކިޔާނީ ނެޝަނަލިޒަމޭ ކިޔާފައި ކޮންމެވެސް އެއްޗެކެވެ. ސްޓޭޓްލެސްވުމަކީ ދައުލަތެއް ނެތުމެވެ. މިސާލަކަށް ބަރުމާގެ ރޮހިންގިޔާ ދަރިކޮޅުގެ މީހުންނަކީ ސްޓޭޓްލެސް މީހުންނެވެ. އޭގެ ސިއްރަކީ އެމީހުންނަކީ ބަރުމާގެ ރައްޔިތުންކަމަށް އެގައުމުންވެސް ގަބޫލު ނުކުރުމާއި އެހެން ގައުމަކުންވެސް އެމީހުން ބަލައިނުގަންނާތީއެވެ. ދުނިޔޭގެ ބައެއް ކަންކޮޅުތަކުން މިކަހަލަ ދެރަ ހާލަތު މެދުވެރިވެފައިވާ މީހުން ފެނެއެވެ.
ދިވެހީންނަކީ ސްޓޭޓްލެސް ބައެއް ނޫނެވެ. ދިވެހީންގެ ދައުލަތެއް އެބައޮތެވެ. އެދައުލަތް އިންޑިޔާއިން ގަބޫލުކުރެއެވެ. މިތަނުގައި އެމްބަސީއެއް ގާއިމުކޮށްފައި ހުރީވެސް އެހެންވެއެވެ. ދުނިޔޭގެ އެހެން ގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުންވެސް މިއީ ސްޓޭޓެއް ކަމަށް ގަބޫލުކުރެއެވެ. ދުނިޔޭގެ މިނިވަން ދައުލަތްތަކުގެ ޖަމިއްޔާ އދ ގައި ދިވެހިރާއްޖެއަށް ބައިވެރިވެވުނީވެސް އެހެންވެއެވެ. ދިވެހީން ސްޓޭޓްލެސް ބަޔަކަށްވާނީ މިދައުލަތް ނެތިގެންދިޔަ ދުވަހަކުންނެވެ. މިސާލަކަށް ކަނޑުގެ ލޮނުގަޑު އުފުލި ރާއްޖެ އަޑިއަށްދިއުމުން ދިވެހީން ބޯޓުފަހަރަށް އަރައިގެން ތިބޭ ތިބުމުގައި ދުނިޔޭގެ އެއްވެސް ގައުމަކުން ދިވެހީން ބަލައިގަންނަން ދެކޮޅުހަދައިފިއްޔާ އެވީ ސްޓޭޓްލެސް ބަޔަކަށެވެ. ދިވެހީންގެ މިނިވަންކަން ބަޔަކު ނިގުޅައިގަތް ކަމުގައިވިޔަސް ސްޓޭޓްލެސް ބަޔަކަށް އަދި ނުވާނެއެވެ. އެހެނީ ދެން ދިވެހީން ނިސްބަތްވާނީ ދިވެހިރާއްޖެ އަޅުވެތިކުރި ގައުމަކަށެވެ.
އެހެންވީމާ ސްޓޭޓްލެސްވުމަކީ ގައުމިއްޔަތެއް ނެތުންކަމަށް މާނަކުރިކުރުމަކީ ހޮޅިކަމެކެވެ. އިންޑިޔާއިން މިތަނަށް ޖާހިލު ސަފީރުން ފޮނުވާކަމަށް ބުނުމަކީ ހޮޅި ވާހަކައެކެވެ. ނިޔަނޭޝްވަރު މުލޭއަކީ ސްޓޭޓްލެސްވުމާއި ސްޓޭޓްނެސް ވާގޮތް ނޭނގޭ މީހެއްކަމަށް ސިފަކުރުމާއި އޭނާ ލިޔުއްވި ފޮތްފޮތަކީ މުޅީން ހޮޅި ފޮތްތަކެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކުމަކީ މުޅީން ހޮޅިކަމެކެވެ. ހޮޅިވާހަކަ ނުދައްކާށޭ ކިޔާފައި ބުނަންވާނީ ސައްތައިންސައްތަ ސައްހަ ތެދު ވާހަކައެވެ. އެހެންނޫނީ އަހަރެމެން އެންމެން ހޮޅިވެދާނެއެވެ.