ޗައިނާގެ ގުއާންޑޮން ޕްރޮވިންސްގެ ހުއިޒޯ ސިޓީ އާއި އައްޑޫ ސިޓީ ކައުންސިލާ އެކު ސިސްޓަ ސިޓީ ރިލޭޝަންޝިޕް ޤާއިމު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތް މެދުކެނޑިފައިވާތީ އެ މަސައްކަތް އަލުން ފެށުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އިއްޔެ ބޭއްވި ކައުންސިލްގެ ބައްދަލުވުމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މި މައްސަލަ ހުށަހެޅުއްވުމުން، ބައްދަލުވުމުގައި ވޯޓް ދެއްވި ހަ މެމްބަރުންގެ އިއްތިފާގުން އެކަން ކުރިއަށް ގެންދަން ވަނީ ފާސްވެފަ އެވެ.
ކައުންސިލުން ބުނީ މިމައްސަލައާ ގުޅިގެން ލިބިފައިވާ ޤަނޫނީ ލަފައާ އެއްގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި، ތާރީޚެއް ކަނޑައަޅައި އަދި އެ ތާރީޚުގައި ކުރަން ޖެހޭ ދަތުރު ކުރުމަށް ޔުނައިޓެޑް ސިޓީސް އެންޑް ލޯކްލް ގަވަރމެންޓްސް އޭޝިއާ ޕެސިފިކް "UCLG ASPAC" ގެ އެހީތެރިކަން ހޯދުމަށް ފެންނަ ކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން ހުށަހެޅުން ފާސްވެފައިވާ ކަމަށެވެ.
ޗައިނާގެ ގުއަންޑޮންގް ޕްރޮވިންސްގެ ހުއިޒޯ ސިޓީއާ ދެމެދު ސިސްޓަ ސިޓީ ރިލޭޝަންޝިޕް ޤާއިމް ކުރުމާ ގުޅޭ ގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަންފުކާއި ސޯބެ މިދިޔަ ޖެނުއަރީ މަގހު ބައްދަލު ކުރައްވާފައިވާ އިރު، ދެ ފަރާތުން ވަރަށް އަވަހަށް އެމްއޯޔޫއެއްގައި ސޮއި ކުރާނެ ކަމަށް ބުނެފައިވެ އެވެ.
މި އެމްއޯޔޫގެ ދަށުން ވިޔާފާރީގެ މުޢާމަލާތްތަކާއި ޓޫރިޒަމް އަދި ތިމާވެށީގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށްޓަކައި އެއްބާރުލުމާއި އެހީތެރިކަމުގެ ގުޅުން ދެ ސިޓީގެ ދެމެދު އުފެދިގެން ދާނެ ކަމަށް ކައުންސިލުން ބުންޏެވެ.