ފާއިތުވި ތިން ދުވަހުގެ ތެރޭގައި އުތުރު އިންޑިއާގެ ހޮސްޕިޓަލެއްގައި 60 ކުޑަކުދިން މަރުވެއްޖެ އެވެ. އޭގެ ތެރޭގައި އަލަށް ވިހެއި 31 ކުދިންވެސް ހިމެނެ އެވެ.
ހަމަ އެ ހޮސްޕިޓަލުގައި މި މަހުގެ ކުރީކޮޅު އިތުރު 100 އަށްވުރެ ގިނަ ކުދިން ވަނީ މަރުވެފައެވެ. ތުހުމަތުކުރެވޭ ގޮތުގައި އެކުދިން މަރުވެފައި ވަނީ ބިލްތައް ނުދެއްކުމުގެ ސަބަބުން އޮކްސިޖަން ސަޕްލައި ކަނޑެމުންނެވެ.
އޮފިޝަލުން ބުނާ ގޮތުގައި އެންމެ ފަހުން މަރުވި ކުދިން މަރުވެފައި ވަނީ އޮކްސިޖަން ނެތިގެން ނޫން ކަމަށާއި، އެއީ އެކި ބަލިތަކުގައި މަރުވި ކުދިން ކަމަށެވެ.
އެ ހޮސްޕިޓަލް ހުންނަނީ އިންޑިއާގެ އެންމެ ފަޤީރު އެް ސަރަޙައްދު ކަމަށްވާ އުއްތަރް ޕްރަދޭޝްގައެވެ.
އެންމެ ފަހުން މަރުވި ކުދިން މަރުވެފައި ވަނީ އޮގަސްޓް މަހުގެ 27 އާއި 29 އާއި ދެމެދު ކަމަށް މަޢުލޫމާތު ލިބެއެވެ.
އެގޮތުން ގޯރަކްޕޫރް އަވަށުގެ ބާބާ ރާގަވް ދާސް ހޮސްޕިޓަލްގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ޑރ. ޕީކޭ ސިންގް ވިދާޅުވާ ގޮތުގައި އާންމުކޮށް އެކުދިން ސަލާމަތް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، އެއީ ހޮސްޕިޓަލަށް ގެންނަ އިރު ވެސް އެކުދިންގެ ހާލު މާ ބޮޑަށް ސީރިއަސް ވީމާ ކަމަށެވެ.