ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ވެސް ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ކަނޑައަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި އަބްދުﷲ ޕީޕީއެމުން ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ އެ ޕާޓީގެ ދަފުތަރުން އޭނާގެ ނަން އުނިކޮށް ދިނުމަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
އަދި އީސީން މިހާރު ވަނީ އޭނާގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާކަން ރައްޔިތުންގެ މަޖިލީހަށް ވެސް އަންގައިފަ އެވެ.
މެންބަރު އަބްދުﷲ ގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައަޅާފައިވާއިރު، ޖުލައި މަހުގެ 10 ވަނަ ދުވަހު އޭނާ ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ. ޕީޕީއެމުން ވަކިކޮށްދޭން އެދިވަޑައިގެން މެމްބަރު އަބްދުﷲ ފޮނުއްވި ސިޓީގައި ވިދާޅުވީ ޕާޓީން ވަކިވަނީ ދިވެހި ރައްޔިތުންނަށް ޚިދުމަތްކޮށް ދޭން ބޭނުންވާތީ ކަމަށެވެ.
އަބްދުﷲގެ ގޮނޑި ހުސްވެފައިވާ ކަމަށް އީސީން ނިންމި އިރު، އިތުރު ހަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެއީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އެވެ.
އަދި މި ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން އީސީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.