ގަން އިންޓަނެޝަނަލް އެއާޕޯޓް އޮންނަ ގަމުގެ އެއްވެސް ސަރަހައްދަކަށް ޕިކްނިކް ގޮސް އަދި މަސް ބާނަން ވަނުމަކީ މަނާ ކަމެއް ކަމަށާއި އެކަން އެގޮތަށް ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އައްޑޫ އިންޓަނެޝަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ދީފި އެވެ.
އެ ކުންފުނިން މީގެ ފަސް އަހަރެއްހާ ކުރިން ވެސް ވަނި ގަމަށް ދަތުރު ގޮސް، އެކި ދިމަދިމާލަށް މަސް ބާނަން ދިއުމަކީ މަނާ ކަމެއް ކަމަށް އިއުލާންކޮށްފަ އެވެ.
އެހެން ނަމަވެސް އެ އެންގުމާ އެއްގޮތަށް ބައެއް ފަރާތްތަކުން އަމަލު ނުކުރާކަން ފާހަގަކޮށް، އޭއައިއޭ އިން މިއަދު ނެރުނު އެންގުމުގައި ބުނީ "ގަމުގެ އެއްވެސް ސަރަހައްދަކަށް އާންމުން ޕިކްނިކް ދަތުރު އައުމާއި މަސް ބޭނުމަށް ވަދެ އުޅުމަކީ މަނާ ކަމެއްކަން ހަނދާންކޮށްދޭ" ކަމަށެވެ.
"އަދި ދޫނީގެ ގިނަ ބާވަތްތަކަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތަށް ހުރި ނުރައްކަލަކަށްވެފައި، ގަމަކީ ބައިނަލްއަގްވާމީ އެއާޕޯޓެއް ހިންގާ ތަނަކަށްވާތީ އެއާޕޯޓްގައި އަމަލު ކުރަން ލާޒިމް ކުރާ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވަދައިދުތައް ހެދިފައި ހުރުމާ އެކު އޮޅުކޮށްގެން ދޫނި ގެންގުޅުމަކީ ވެސް އެއާޕޯޓްގެ ސަލާމަތީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށްވާތީ ގަމުގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ބާވަތެއްގެ ދޫނި އާލާ ކުރުމާއި އޮޅުކޮށްގެން ގެންގުޅުމަކީ މަނާ ކަމެއް ކަމުގައި އަންގައި އިއުލާން ކުރީމެވެ،" އޭއައިއޭ އިން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނީ މި އެންގުމާ ހިލާފަށް މިއަދުން ފެށިގެން އެއްވެސް ފަރާތަކުން އަމަލު ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ގަމުގެ ބޮޑު ފާލަަމަށް ގިނަ ބަޔަކު މަސް ބާނަން ދިއުމާއި ފާލަމުގެ ދެކޮޅުގެ މޫދަށް އެރެން ބައެއް މީހުން ދާތީ އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް މިހާރު އޮންނަނީ ބަންދުކޮށްފަ އެވެ.