އެންމެ ނުރައްކާތެރި ދިރޭއެއްޗަކީ ކޮބައިތޯ ކޮންމެ މީހަކާއި ސުވާލު ކޮށްލުމުންވެސް ލިބޭނެ ޖަވާބުތަކަކީ ކިނބޫ، ހަރުފަ ނުވަތަ މިޔަރެވެ. އެހެންނަމަވެސް ގިނަ މީހުންނަށް ނޭނގޭ ކަމަކީ އެ ޖަނަވާރުތަކާއި އެއް މިންވަރަކަށް ނުރައްކާތެރި އެއްޗެއް އަޅުގަނޑުމެންގެ ގާތުގައި އުޅޭ ކަމެވެ. އެއީ މަދިރި އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރެއްގެ މައްޗަށް އެތައް މިލިއަން މީހުން މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގެ ސަބަބުން މަރުވެއެވެ. ތިރީގައި މިވަނީ އެފަދަ ނުރައްކާތެރި ފަސް ބައްޔާއި ބެހޭ މަޢުލޫމާތެވެ.
1. މެލޭރިއާ
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާކުރާ ގޮތުގައި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 50% މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު އެބައޮތެވެ. މެލޭރިއާ އަކީ އަންހެން މަދިރި ކަމަށްވާ އަނޯފިލީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޕްލާސްމޯޑިއަމްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މަދިރީގެ ހަށިގަނޑުގެ ތެރޭގައި 18 ދުވަސްވަންދެން އުޅެ ބޮޑުވުމަށްފަހު ޕްލާސްމޯޑިއަމް ޕެރެސައިޓް މަދިރީގެ ކުޅުގެ ޒަރިއްޔާއިން އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ވަދެއެވެ. މެލޭރިއާ ޕެރެސައިޓް އިންސާނާގެ ހަށިގަނޑަށް ވަނުމަށްފަހު އެކަމުގެ ގިނަ އަލާމާތްތަކެއް އިންފެކްޓްވެފައި ހުރި މީހާގެ ކިބައިން ފެންނާނެ އެވެ. އެގޮތުން ހުން އައިސް، ހީކަރުވައި، ދާހިއްލާ އަދި ބޮލުގައި ރިއްސުމަކީ މެލޭރިއާގެ ބައެއް އަލާމާތްތަކެވެ. އެންމެ ސީރިއަސް ޙާލަތްތަކުގައި މެލޭރިއާގެ ސަބަބުން ކިޑްނީ ފެއިލްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި ރަނގަޅަށް ފަރުވާ ނުކުރެވިއްޖެނަމަ، މެލޭރިއާ އަކީ ފުރާނައަށް ނުރައްކާ ކުރާ ބައްޔެކެވެ.
2. ޑެންގީ ހުން
މަދިރީގެ ޒަރިއްޔާއިން އުފެދޭ ޑެންގީ އިންފެކްޝަން ޖެހެނީ ކައިރިން ގުޅިފައިވާ ހަތަރު ވައިރަސް ކަމަށްވާ ޑެން-1، ޑެން-2، ޑެން-3 އަދި ޑެން-3 ވައިރަސްތަކުގެ ސަބަބުންނެވެ. ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ހުން ގަދަވުން، ބޮލުގައި ރިއްސުން، ލޮލާއި ހުޅުހުޅުގައި ރިއްސުން އަދި މަސްތަކުގައި ރިއްސުން ހިމެނެއެވެ. މީގެ އިތުރުން މޭނުބައިކޮށް ހޮޑުލުމަކީ ވެސް ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. މިކަންތައްތަކުގެ ސަބަބުން ބައެއް ފަހަރު ހަށިގަނޑުގެ އެކި ގުނަވަންތައް އެއް ފަހަރާ ފެއިލްވެއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ 100 މިލިއަން މީހުންނަށް ޑެންގީ ހުން ޖެހެއެވެ. މި އަހަރުގެ ތެރޭގައި އެކަނިވެސް މިހާތަނަށް 11،000 މީހުންނަށް މި ބަލި ޖެހި، 11 މީހުން ވަނީ މަރުވެފައެވެ.
3. ޗިކަންގުންޔާ
އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ މި ބަލީގެ އަލާމާތްތަކަކީ ޑެންގީ ހުމުގެ އަލާމާތްތަކާއި އެއްގޮތް ކަންތައްތަކެކެވެ. އެގޮތުން އޭގެ ތެރޭގައި ބޮލުގައި ރިއްސުން، ހުން އައުން، ވަރުބަލިވުން، މޭނުބައިކުރުން، ހޮޑުލުމާއި ހުޅުހުޅުގައި އަދި މަސްތަކުގައި ރިއްސުން ހިމެނެއެވެ. މި ބަލި ދެނެގަތުމުގައި އުނދަގޫވާ އެއް ސަބަބަކީ ވެސް މިއީ އެވެ. ފަރުވާ ނުކޮށްފިނަމަ، ޗިގަންގުންޔާ އަކީ ގިނަ މަސްތަކަކަށް ދެމިގެންދާނެފަދަ ވަރުގަދަ ތަދަކާއި ބަލިކަށިކަމެއް ހުޅުހުޅުތަކަށް ގެނެސްދޭ ބައްޔެކެވެ. މި ބައްޔަށް އަދި މިހާތަނަށް އެއްވެސް ވެކްސިންއެއް ނުވަތަ އެންޓިވައިރަލް ބޭހެއް ވެސް އުފެއްދިފައެއް ނުވެއެވެ. އެހެންކަމުން މި ބަލިން ރައްކާތެރިވުމަށްޓަކައި ވީހާވެސް ބޮޑަށް ސަމާލުވާން ޖެހޭނެ އެވެ.
4. ލިމްފޭޓިކް ފައިލޭރިއޭސިސް
މި ބައްޔަށް ދީފައިވާ އަނެއް ނަމަކީ އެލެފެންޓިއޭސިސް އެވެ. ލިމްފޭޓިކް ފައިލޭރިއޭސިސް އަކީ ހަށިގަނޑުގެ ލިމްފޭޓިކް ނިޒާމަށް ހަމަލާދޭ އިންފެކްޝަނެކެވެ. އޭގެ ސަބަބުން ހަތަރެސްފައި ދުޅަވެ، ވަރަށް ބޮޑަށް ރިއްސައެވެ. މި ބަލި ޖެހެނީ އާންމު ގޮތެއްގައި ތިން ފަނީގެ ސަބަބުންނެވެ. އެގޮތުން މި ބަލި 90% ފަހަރަށް ޖެހެނީ ވަޗެރެރިއާ ބެންކްރޮފްޓީ ގެ ސަބަބުންނެވެ. މި ޕެރެސައިޓްތައް އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ވަންނަނީ މަދިރި ހެފުމުންނެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 120 މިލިއަން މީހުންނަށް މި ބަލި ޖެހިފައި ވެއެވެ. އަދި ދުނިޔޭގެ އާބާދީގެ 1.4 ބިލިއަން މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު އެބައޮތެވެ.