އައްޑޫގައި މިހާރު ކުރަމުން އަންނަ ޕޮލިސް އެކެޑެމީގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.
މި އެކެޑެމީ އިމާރާތް ކުރަނީ ލިންކް ރޯޑްގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އޮފީހާއި ކުނިކޮށްޓާ ދޭތެރޭ އޮތް ބޮޑު އެއް ކިލޯމީޓަރުގެ ސަރަހައްދުގަ އެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކުރާ މި ޕޮލިސް އެކެޑެމީއަކީ ގޮތަށް 18 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ މަޝްރޫއުއެކެވެ. މި ތަނުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.
އެގޮތުން އިމާރާތްތަކުގެ ފައުންޑޭޝަންތަކުގެ ކޮންކްރިޓް މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.
މިތަނުގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި، މެޑިކަލް ޚިދުމަތް ދޭނެ ކްލިނިކާއި، ޕީޓީ ގްރައުންޑާއި، ހެލިޕޭޑާއި އެހެން ވެސް ޓްރެއިނިން ސެންޓަރެއްގައި ހުންނަން ޖެހޭ މުހިއްމު ވަސީލަތައް ވެސް ހިމެނޭނެ އެވެ.
ޕޮލިސް އެކެޑެމީގެ ބިންގާ ރަސްމީކޮށް އަޅަން މިދިޔަ ޖުލައި މަހުގެ ތެރޭގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އައްޑު އަށް ވަޑައިގަންނަވަން ނިންމެވި ނަމަވެސް، އެ ދަތުރު ފަހުން ކެންސަލްކޮށް، މަޝްރޫއުގެ ބިންގާ ރަސްމީކޮށް އަޅާފައެއް ނުވެ އެވެ.
ފުލުހުން ބުނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެމްއެސް ސްރީ އަވަންތިކާ ކޮންޓްރެކްޓާޒް ލިމިޓެޑުން ކުރިއަށް ގެންދާ މަޝްރޫއު ނިންމަން ހަމަޖެހިފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.
އައްޑޫގައި ޕޮލިސް އެކެޑެމީ އަށް އިމާރާތް ކުރަނީ ކުރިން ހިތަދޫގައި ހިންގި ޕޮލިސް ޓްރޭނިން ސްކޫލް ފެބްރުއަރީ 8، 2012 ގައި އަންދައިލުމާ ގުޅިގެންނެވެ.
އާ ޕޮލިސް އެކެޑެމީ އައްޑޫގައި އަޅާކަން އިއުލާން ކުރީ ފުލުހުންގެ 81 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން އައްޑޫގައި ބޭއްވި ޖަލްސާގައި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު އެޕްރީލް 6، 2014 ގަ އެެވ.