ހުސްނުވާ އާސަންދައިގެ ދަށުން ރާއްޖޭން ބޭރުން ލިބޭ ބޭސް ފަރުވާގެ ހުރިހާ ޚިދުމަތްތައް ވެސް އެެއްވެސް ބަދަލެއް ނައިސް ލިބޭނެ ކަމަށް އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އާސަންދައިގެ ދަށުން ދޭ ހުސްނުވާ އާސަންދައިގެ ޚިދުމަތް ރާއްޖޭން ބޭރުން މިހާރު ނުލިބޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އާސަންދަ އިން އަދި ބުނީ އާސަންދަ ސްކީމްގެ ދަށުން ސިއްޙީ ފަރުވާ ހޯދުމަށް މިހާރު ވެސް އެތައް ބަޔަކު ރާއްޖޭން ބޭރުން ފަރުވާ ހޯދަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ އާންމު ރައްޔިތުންނާއި ގުޅުން ހުރި މިފަދަ މުހިއްމު ކަމެއްގައި ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.