Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އައްޑޫ ކައުންސިލަށް ކޮމްޕްލެއިންޓްސް މެނޭޖްމަންޓް ސޮފްޓްވެއާއެއް

ރައްޔިތުން ހުށަހަޅާ ޝަކުވާތައް ބަލައި ގަނެ ރައްކާ ކުރުމަށްޓަކައި ކޮމްޕްލެއިންޓްސް މެނޭޖްމަންޓް ސޮފްޓްވެއާއެއް އައްޑޫ ސިޓީ ކައުންސިލުން ތަޢާރަފްކޮށް މިއަދު ބޭނުން ކުރަން ފަށައިފި އެވެ.

މިއީ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށާއި އެކިއެކި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންނަށް ދެމުން އަންނަަ ޚިދުމަތްތައް ދިނުމުގައި މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ކައުންސިލުން ތައާރަފު ކުރި ހިދުމަތެކެވެ.

"ކުރިން ފޮތުގައި ލިޔެ މައްސަލަތައް ބަލަހައްޓަމުން އައި އައުން ނިމުމަކަށް ގެނެސް، ޒަމާނާ އެއްގޮތަށް ކޮމްޕިއުޓަރުގެ ޒަރިއްޔާއިން މައްސަލަތައް ސިސްޓަމަށް އެންޓަކޮށް ބެލެހެއްޓުމަށްޓަކައި ތަޢާރަފް ކުރެވުނު މި ސޮފްޓްވެއާއަކީ ރައްޔިތުންގެ އުދާސްތައް އަޑު އަހައި އެކަމަށް އެންމެ ފުރިހަމައަކަށް ޖަވާބުދާރީ ވުމަށް ކައުންސިލުން ކުރާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީއެއް." އަވަށު އޮފީސްތަކުގެއިސްވެރިންނާއި އަދި ކައުންސިލްގެ އިދާރާގެ ސެކްޝަންތަކުގެ ވެރިންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި މި ސޮފްޓްވެއާ ރަސްމީކޮށް އިފްތިތާޙްކޮށް ދެއްވައި މޭޔަރު ޢަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވި އެވެ.

މި ސޮފްޓްވެއާ އިން ކައުންސިލަށް ހުށަހަޅާ މައްސަލަތައް ސިސްޓަމަށް އެޅުމަށް ފަހު އެ މައްސަލަ ހައްލު ކުރުމަށް ޓާސްކްތައް އެސައިންކޮށް، މައްސަލަތައް ހައްލު ކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކާއި މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާއި، މައްސަލަތައް ހައްލު ކުރުމަށް ނެގި ދުވަހުގެ އިތުރުން މައްސަލާއި ގުޅޭ ތަފާތު އެހެނިހެން މުހިއްމު މަޢުލޫމާތު ފަސޭހައިން ރައްކާކޮށް ބެހެއްޓޭނެ އެވެ.

ކައުންސިލަށް މައްސަލަ ހުށަހެޅުމަށްޓަކައި ފޯނުގެ ޒަރިއްޔާއިން ނުވަތަ އީމެއިލް، ފޯމް، އަދި އަމިއްލައަށް ކައުންސިލް އިދާރާއަށް ނުވަތަ އަވަށު އޮފީހަކަށް ހާޒިރުވެ ވެސް މައްސަލަ ހުށަހެޅިދާނެ އެވެ.

ފޯނުން މައްސަލަ ހުށަހެޅުމަށް 6885003 ނުވަތަ 7905003 އަށް ގުޅުއްވައި މައްސަލަ ހުށަހެޅިދާނެ އެވެ. އަދި އީމެއިލުން މައްސަލަ ހުށަހެޅުއްވުމަށް secretariat@adducity.gov.mv އަށް މެއިލްކޮށް ވެސް މައްސަލަ ހުށަހެޅި ދާނެ އެވެ.