ދާދި ފަހުން ސަރުކާރުން ދޫކުރި ފްލެޓްތަކަށް ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު ހިތްހަމަނުޖެހިގެން އެތައް ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ޕެޓިޝަން މަޖިލީހަށް ހުށަހަޅާފައި ވަނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި، އެމްޑީޕީ އަށް ނިސްބަތްވާ ދެ މެންބަރުން ކަމުގައިވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މި މައްސަލަ ވައްދާފައި ވަނީ ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ހޯދުމަށާއި ފްލެޓް ލިބުނު ކަނޑައެޅުމުގައި ގެންގުޅުނު އުސޫލު ސާފު ކުރުމަށެވެ.
ޕެޓިޝަންގައި ބުނެފައި ވަނީ މކަން ކުރަން ޖެހުނީ ހުޅުމާލޭގައި ހަދާފައިވާ 704 ފްލެޓްގެ ތެރެއިން ސަރުކާރުން ދޫކުރުމަށް ނިންމި 661 ފްލެޓް ދޫކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބެލެވޭތީ އެކަމުގައި ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ކަމަށެވެ.
އަދި މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ތެރެއިން ބޯހިޔާވެހި ކަމަށް އެންމެ ބޮޑަށް ބޭނުންޖެހި ހިތްދަތި ހާލުގައި ދިރިއުޅެމުންދާ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކުރީގެ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުގެ ދަށުން އަޅަން ނިންމި ފްލެޓްތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަަކަށް ނުލިބި އެއަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ދޫކޮށްފައިވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށް ޕެޓިޝަނުގައި ބުންޏެވެ.
މީގެ އިތުރުން ފްލެޓް ލިބުނު މީހުންގެ މައުލޫމާތު ސިއްރު ކުރުމަކީ ރާއްޖޭގެ އާންމު ރައްޔިތުންނާ މެދު މި ސަރުކާރުގެ އެއްވެސް ކަހަލަ އިހްލާސްތެރިކަމެއް ނެތްކަން ދިވެހި ރައްޔިތުންނަށް ހާމަކޮށް ދިން ކަމެއް ކަމަށް ދެކޭ ކަމަށް ވެސް ޕެޓިޝަންގައި ބުންޏެވެ.
އަދި ފްލެޓްތަކަކީ ރައްޔިތުންގެ ނަމުގައި ސަރުކާރުން ނަގާ ލޯނުތަކަކުން ބިނާކޮށް ދޫކުރެވޭ ފްލެޓްތަކަކަށްވާތީ އޭގެ ހައްގުވެރިންނަށް އިންސާފުވެރިކަމާ އެކު ފްލެޓް ލިބެންޖެހޭނެ ކަމަށް ވެސް ބުންޏެވެ. އަދި މިއީ 15،000 މީހުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމުގައިވާތީ ވަކި މަދު ބައެއްގެ ހައްގު ރައްކާތެރިކުރުމަކުން އެހެން އެންމެންގެ ހައްގު ހޯދައި ދެވުނީ ކަމަށް ނުބެލޭވެ ކަމަށް ވެސް ޕެޓިޝަންގައިވެ އެވެ.
ފްލެޓް ލިބުނު މީހުންގެ ނަންތައް ހާމަކުުރުމުގެ ބަދަލުގައި ހައުސިން މިިނިސްޓްރީން ހާމަކޮށްފައިވަނީ ފްލެޓަށް ކުރިމަތިލި މީހުން ހުށަހެޅި ފޯމް ނަންބަރުތަކެވެ. އަދި ފްލެޓް ލިބޭ މީހުން ކަނޑައަޅުމާ ގުޅިގެން އެކަމާ ގުޅޭ ބައެއް މައްސަލަތައް މިހާރު ވަނީ އޭސީސީ އަށް ހުށަހަޅައިފަ އެވެ.