މިލާއިންސާނީ ބޮޑެތި އަނިޔާތަކުގެ ޝިކާރަކައަކަށްވެފައވާ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން ތިބިކަން ހާމަ ކުރުމުގެ ގޮތުން މި މަހުގެ 29 ވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިންމައިފިއެ ވެ.
މިކަން ރަސްމީކޮށް އިއުލާން ކުރުމުގެ ގޮތުން އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވީ އަނިޔާ ލިބެމުންދާ ރޮހިންޖާ މުސްލިމުންނާ އެކު ދިވެހި އެންމެހާ ރައްޔިތުން ތިބިކަން ހާމަ ކުރުމުގެ ގޮތުން ބާއްވާ އެއްވުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު ހަވީރު 4:00-6:00 އަށް ކަމަށެވެ.
އަދި ދިވެހިން ރޮހިންޖާ މުސްލިމުންނާއެކު ތިބިކަން ހާމަ ކުރުމުގެ ގޮތުން ވީހާ ވެސް ގިނަ ބަޔަކު އެއްވުމުގައި ބައިވެރިވުމަށް އެދިވަޑައިގަތެވެ.
މިކަމާ ބެހޭ ގޮތުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވެފައި މުސްލިމުންނަށް ލިބެމުންދާ އަނިޔާ ތަކުގެ ކަންބޮޑުވުން އެބައޮތް ކަމަށާއި ސަރުކާރުން ދަނީ ދިވެހިންނަށް އޮޅުވާލަމުން ކަމަށެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ވިދާޅުވީ މުސްލިމުންނަކީ ކިތައްމެ ދުރުގައި ތިބި ނަމަވެސް އެއީ އަޚުންތަކެއް ކަމަށާއި އެއް މުސްލިމަކަށް ލިބޭ ހިތާމައިގާ އަނެއް މުސްލިމަކު ބައިވެރިވާން ޖެހޭނެ ކަމަށެވެ. އެކަމުގެ ނަމޫނާ ދިވެހިންގެ ތެރެއިން ދެއްކުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރެއް ކަމުގައިވާ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ އެއްވުން އިންތިޒާމް ކުރުމަށް އަދާލަތު ޕާޓީން އިސްނެންގެވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.