އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ނަސީބުވެރިއަކަށް ލިބޭ އުމުރާ ދަތުރު މި ފަހަރު ހަދީޖާ ރަޒީނާ އަށް ލިބިއްޖެ އެވެ.
އޭނާއަކީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފައިނޭންސް ސެކްޝަންގައި އެސިސްޓެންޓް އެކައުންޓްސް އޮފިސަރެއްގެ މަގާމު އަދާ ކުރާ މުވައްޒަފެކެވެ.
ރަޒީނާއާ އުމުރާ ދަތުރުގެ ރަމްޒީ އިނާމް ހަދިޔާ ހަވާލުކޮށް ދެއްވީ ކައުންސިލްގެ ސްޓާފުންގެ އަހަރީ ނައިޓް ފާހަގަ ކުރަން ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.
މި އަހަރުގެ ޑިސެމްބަރު މަހު އޮންނަ ޢުމްރާ ދަތުރަށް ދާނެ މެންބަރެއް ކަނޑައެޅުމަށްޓަކައި ގުރުނެގީ ޖުމްލަ 113 މެންބަރުންގެ މެދުގަ އެވެ. ނަންގަވައިދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމްއެވެ.
އައްޑޫސިޓީ ކައުންސިލް ވެލްފެއާ އެންޑް ރެކްރިއޭޝަން ކްލަބަކީ މުވައްޒަފުންނަށް އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށާއި މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ މަޤުސަދުގައި މިއަހަރުގެ ޖޫންމަހު ރަޖިސްޓްރީ ކުރެވިގެން ހިންގަމުންދާ ކްލަބެކެވެ.
މުވައްޒަފުންގެ ކުރިއެރުމާއި އެކުވެރިކަން އާލާކުރުމަށް ގިނަކަންކަން ރޭވިފައިވާއިރު، މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މަދުވެގެން އެއް މުވައްޒަފަކަށް އުމްރާ ދަތުރު ދިނުމަށް ކްލަބުގެ ހިންގާ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
މިޢުމްރާ ދަތުރަކީ އަސްކޮއި ޙައްޖު-ޢުމްރާ މޯލްޑިވްސްގެ ހެޔޮއެދުންތަކާއެކު ހަމަޖެހިގެން ދިޔަ ޢުމްރާ ދަތުރެއް ކަމަށް ކައުންސިލުން ބުންޏެވެ.