ޖެންޑަ މިނިސްޓްރީގެ އިސް ނެގުމަކަށް އޮފް ހެލްތާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ފުލުހުން ގުޅިގެން އައްޑޫގެ މުއައްސަސާތައް ޝާމިލުވާ ގޮތަށް، "ކޮމިއުނިޓީ ސޯޝަލް ގްރޫޕް" ގެ ނަމުގައި ގްރޫޕެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.
މިކަން ހާމަ ކުރީ މިކަމުގައި ޝާމިލުވާ މުއައްސަސާތަކާއި ޔޫއެންޑީޕީ ގެ ފަރާތުން އިއްޔެ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މި ގްރޫޕަކީ އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ރައްޔިތުންނަށް ގާތުން ދިނުމަށްޓަކައި ރަށުގައި ޙަރަކާތްތެރިވާ މުޢައްސަސާތަކާއި ގުޅިގެން މުޖުތަމަޢުގައި ދިމާވާ އިޖްތިމާޢީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމާ އެކު، މުޖުތަމަޢުގެ އިޖުތިމާޢީ ހާލަތު ދެނަގަނެ، ކުޑަކުދިންނާއި، އަންހެނުން، ދޮށީ އުމުރުގެ މީހުން އަދި ގެވެށި އަނިޔާގެ މައްސަލަތަކަށް މުޖުތަމަޢު ހޭލުންތެރި ކުރުވުމާއި އެ ފަރާތްތަކުގެ ހައްޤަށް އެއްވެސް އުނި ކަމެއް ލިބޭނަމަ ވީއެންމެ އަވަހަކަށް ޚިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން އުފައްދާ ގްރޫޕެކެވެ.
"ވަރަށް ގިނަ ފަހަރަށް ސްކޫލުތަކުގައި މައްސަލައެއް ކުރިމަތިވެއްޖެ ނަމަ މި ހުށެހެޅެނީ ޕޮލިހަށް. އޭގެ ސަބަބުން ސްކޫލަށާއި ޓީޗަރުންނަށް ވެސް ނޭދެވޭ އަސަރު ކުރޭ"، އެޑިއުކޭޝަންގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ހުސައިން ރަޝީދު މޫސާ ވިދާޅުވި އެވެ. "ކޮމިއުނިޓީ ސޯޝަލް ގްރޫޕެއް އުފެދުމުން މުޖުތަމަޢުގައި ދިމާވާ މައްސަލަ ބަލާނީ އެ ގުރޫޕްގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އެމައްސަލައަކާއި ގުޅުން ހުރި މުއައްސަސާއަކުން."
ކޮމިއުނިޓީ ސޯޝަލް ގްރޫޕް އުފައްދުމުގެ ގޮތުން އެ ގުރޫޕްގެ މެމްބަރުންގެ ގޮތުގައި ހިމެނޭ މުއައްސަސާތަކަށް މުޖުތަމަޢުގައި މަސައްކަތް ކުރުމަށް ބޭނުން ވާނެ ހުނަރާއި، ޤާބިލުކަށް އިތުރުކުރުމުގެ ގޮތުން ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް މިއަދު ވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ފަށައިފަ އެވެ.
މި ތަމްރީނު ޕްރޮގްރާމުގައި އައްޑޫގެ ސްކޫލުތަކާއި ހެލްތުންނާއި ޕޮލިސް އަދި ކައުންސިލުން ބައިވެރިވި އެވެ.