މީގެ ކުރިން "ދާވަތޭ އިޝްގް" ފަދަ ފިލްމްތަކުގައި ސަޕޯޓިން ރޯލްތައް ކުޅެފައިވާ މަޝްހޫރު ޓީވީ ހޯސްޓް ކަރަން ވާހީ ބޮލީވުޑް ފިލްމެއްގެ ލީޑް ރޯލަކަށް ސޮއިކޮށްފި އެވެ.
"ނަޗް ބަލިޔޭ" އާއި "އިންޑިއަން އައިޑޮލް ޖޫނިއާ" ފަދަ ޝޯތައް ހުށަހަޅާ ދީފައިވާ ކަރަން ސޮއިކޮށްފައި ވަނީ މީގެ ކުރިން ކާމިޔާބު ތިން ފިލްމެއް މި ފްރެންޗައިޒްގެ ދަށުން ގެނެސް ދީފައިވާ "ހޭޓް ސްޓޯރީ 4" އަށެވެ. މި ފިލްމުގައި ކަރަންއާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ "ސަނަމް ރޭ" ފަދަ ފިލްމްތައް ކުޅެފައިވާ އުރްވަޝީ ރޯޓެލާ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ހޭޓް ސްޓޯރީ (2012) ފިޔަވައި މީގެ އަނެއް ދެ ފިލްމްގައި ލީޑް ރޯލް މަޝްހޫރު ޓީވީ ތަރިންތަކެއް ކުޅެފައިވާ ކަމެވެ. އެގޮތުން ހޭޓް ސްޓޯރީ 2 (2014) ކުޅުނީ ޖޭ ބަނުޝާލީ އާއި ސުރްވީން ޗާވްލާ އެވެ.
ހޭޓް ސްޓޯރީ 3 (2015) ގައި އެންމެ މުހިއްމު ރޯލެއް ކުޅުނީ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ އަދި ކުރީގެ މަޝްހޫރު ޓީވީ ތަރި ކަރަން ސިންގް ގްރޯވާ އެވެ.
"ހޭޓް ސްޓޯރީ 4" އަކީ ބުޝަން ކުމާރްގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް ވިޝާލް ޕަންޑިއާ ޑައިރެކްޓް ކުރާ އިރޮޓިކް ތުރިލާއެކެވެ. ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ޓީވީ ތަރިން ބޮލީވުޑަށް ނިކުންނަމުން އަންނަ އިރު އަންނަ މަހު ރިލީޒް ކުރާ "އަކްސަރު 2" އިން ޒަރީން ހާނާ އެކު ވެސް ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ މަޝްހޫރު ޓީވީ ދެ ތަރިންނެވެ.
އެއޯ ގޯތަމް ރޯޑް އާއި އަބިނާވް ޝުކްލާ އެވެ.