މީގެ ކުރިން ދުނިޔޭގެ އެންމެ ބަރު އަންހެން މީހާގެ ލަޤަބު ލިބިފައިވާ މިޞްރުގެ އަންހެން މީހާ މަރުވެއްޖެ އެވެ.
އީމާން އަބްދް އަލް އަތީ ވަނީ މިއަހަރުގެ ކުރީކޮޅު ބޭރިއެޓްރިކް ސާޖަރީ ހެދުމަށްޓަކައި އިންޑިއާ އަށް ގޮސްފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ސާޖަރީއަށް ފަހު އޭނާގެ ބަރުދަން 500 ކިލޯ އިން 300 ކިލޯގްރާމް ލުއިވެގެން ދިޔައެވެ. އެހެންނަމަވެސް އޭނާ މަރުވެފައި ވަނީ ފަރުވާ ނުކުރެވި ހުރި އެހެނިހެން ސިއްޙީ މައްސަލަތަކުގެ ސަބަބުންނެވެ.
އޭނާއަށް ފަރުވާ ދިން ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 37 އަހަރުގެ އީމާން އަށް ހިތުގެ ބައްޔާއި ކިޑްނީ ޑިސްފަންކްޝަން ޖެހިފައިވާ ކަމަށެވެ.
މެއި މަހު އިންޑިއާގެ މުމްބާއީން ސާޖަރީ ހެދުމަށްފަހު އީމާން ވަނީ އެނބުރި އެކުވެރި އަރަބް އިމާރާތުގެ ވެރިރަށް އަބޫ ދާބީ އަށް ފޮނުވާލާފަ އެވެ.
އެ ސާޖަރީ ހެދުމުގެ ކުރިން އީމާންގެ އާއިލާއިން ބުނާ ގޮތުގައި 25 އަހަރު ވަންދެން އީމާން އޭނާގެ ގެއިން ބޭރަށް ގޮސްފައި ނުވާ ކަމަށެވެ.
އޭނާގެ ދައްތަ ކުރި އޮންލައިން ކެމްޕެއިނެއްގެ ސަބަބުން އިންޑިއާގެ ޑޮކްޓަރެއްގެ އެހީތެރިކަމާއި އެކު އީމާން އަށް ޗާޓަރު ފްލައިޓަކުން މުމްބާއީ އަށް އައުމުގެ ފުރުސަތު ލިބުނެވެ.
ބޭރިއެޓްރިކް ސާޖަރީ ނުވަތަ ބަރުދަން ލުއިކުރުމަށް ކުރާ އޮޕަރޭޝަނަކީ ނުރައްކާތެރި މިންވަރަކަށް ފަލަވެފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި، އެހެން އެއްވެސް ގޮތެއް ނެތުމުން ކުރާ ސާޖަރީ އެކެވެ.