ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ސާކް ސަމިޓް ބާއްވަން ހެދި އެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އިމާރާތް ކުރުމަށް ދައުލަތުން ހަރަދު ކުރި ފައިސާއިން ތިން މީހަކު އަަވަށްޓެރި ސްރީ ލަންކާއިން ގޯތި ގަތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ރޭ ވިދާޅުވެއްޖެ އެވެ.
އެހެން ނަމަވެސް ގޯތި ގަތް މީހުންގެ ނަމެއް ވިދާޅެއް ނުވެ އެވެ.
ހުވަދު އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސް އަބްދުﷲ ޔާމީންކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި މޫސަ ވިދާޅުވީ އެމްޑީޕީން ރައީސް ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކާ އިރު އައްޑޫގެ ކޮންވެންޝަން ސެންޓަރު ހަދައި ނިމުނު ފަހުން ތިން މީހަކު ލަންކާއިން ގޯތި ގަނެގެން އުޅޭކަން އެނގޭ ކަމަށެވެ.
އެހެންވެ ކޮރަޕްޝަނުގެ ވާހަކަ އެމްޑީޕީން ދައްކާ އިރު އެމްޑީޕީގެ ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އެމްޑީޕީ ސަރުކާރުން އައްޑޫގައި ކޮންވެންޝަން ސެންޓަރެއް ހަދައި ނިމުނުއިރު ލަންކާއިން ތިން މީހަކު ގޯތި ގަނެގެން އުޅޭކަން އަޅުގަނޑަށް އެނގޭ. ހޮޓާ ވެސް ގަތް ކަން އެނގޭ. މި ވާހަކަ ވެސް ހިނގާ ދައްކަމާ. ކޮރަޕްޝަނުގެ ވާހަކައޭ ކިޔާފައި މިރޭ މިތާނގައި ތިއްބެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތަށް އަތޮޅު އޮފީހުގެ ދިދަ ނަގާ މީހާގެ ގެއަށް ސިމެންތި ކޮތަޅެއް ގެންދިޔައިމަ އެމީހާ ފަހަތަކުުން ނޫން ދުވާނީ،" މޫސަ ވިދާޅުވި އެވެ. "ހިންގަވާ ކޮރަޕްޝަނުގެ ލިސްޓް ނަަންގަވައިގެން ބަލައިލަން ކޮން ބައެއްތޯ ވައްކަން ކޮށްގެން އުޅެނީ. ކޮން ބައެއްތޯ ކޮރަޕްޓްވެފައި އޮތ."
އީސީސީއަކީ ދައުލަތުގެ ބަޖެޓުން 150 މިލިއަނަށް ވުރެ ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރި ތަނެކެވެ.