Last Updated: November 24, 17:50
Sunday, November 24, 2024
މުނިފޫހިފިލުވުން

ރިތިކާއި ޓައިގާ އެއް ފިލްމަކަށް

ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަން އާއި ޒުވާން އެކްޓަރު ޓައިގާ ޝްރޮފް، ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

އެ ކުންފުނީގެ ވެރިޔާ އަދި 2012 ވަނަ އަހަރު މަރުވެފައިވާ ޔާޝް ޗޯޕްޅާގެ 85 ވަނަ އުފަން ދުވަހާ ދިމާކޮށް ވައިއާރްއެފްގެ ޓްވިޓާ އިން މިއަދު އިއުލާންކޮށްފައިވާ ގޮތުގައި ރިތިކާއި ޓައިގާ އެކުގައި ކުޅޭ ފިލްމް ސިނަމާތަކަށް އަންނާނީ ޖެނުއަރީ 25، 2019 ގަ އެވެ.

މި ފިލްމުގެ ނަން އިއުލާން ނުކުރި ނަމަވެސް، ފިލްމް ޑައިރެކްޓް ކުރާނި ވައިއާރްއެފްގެ ބަޗްނާ އޭ ހަސީނޯ (2008) ގެ ޑައިރެކްޓަރު ސިދާތު އާނަންދު އެވެ. މި ފިލްމްވެގެން ދާނީ އެ ފިލްމަށް "ސަލާމް ނަމަސްތޭ (2005) ވެސް ގެނެސް ދިން ސިޔާތު އެ ސްޓޫޑިއޯ އަށް ޑައިރެކްޓް ކުރާ ތިން ވަނަ ފިލްމަށެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމަކީ ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކޮށް، ޓައިގާ ލީޑަށް ލައިގެން ހަދާ ހޮލީވުޑްގެ ފިލްމް "ރާމްބޯ" ގެ ރިމެކިން އެވެ.

ވައިއާރްއެފްގެ ފިލްމްވެގެން ދާނީ ބޭންގް ބޭންގް (2014) އަށް ފަހު ސިދާތުއާ އެކު، ރިތިކް ކުޅޭ ދެވަނަ ފިލްމެވެ.

އެ ދެ ތަރިންގެ ނަމާއި ފިލްމް ރިލީޒ ކުރާ ތާރީހު އިއުލާން ކުރުމަށް ފަހު، ވައިއާރްއެފްގެ ވެބްސައިޓްގައި ބުނީ މި ފިލްމަކީ އެކްޝަން ތުރިލާއެއް ކަމަށާއި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ނަމަވެސް ފިލްމުގެ ބަތަލާއިންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

މި ފިލްމަކީ ވައިއާރްއެފަށް ޓައިގާ ކުޅޭ ފުރަތަމަ ފިލްމަށް ވިޔަސް، ރިތިކް ވަނީ އެ ސްޓޫޑިއޯގެ މުޖްސް ދޯސްތީ ކަރޯގީ (2002) އަދި ދޫމް 2 (2006) ކުޅެފަ އެވެ.