ރާއްޖޭން ޑެންގީ ނައްތާލަން އަމާޒު ހިފައި އެކަމަށް މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"ޓްރޭނިން ވޯކްޝޮޕް ފޯ ހެލްތް ކެއާ ޕްރޮވައިޑާސް އޮން ކްލިނިކަލް ރިކޮގްނިޝަން އެންޑް މެނޭޖްމަންޓް އޮފް ޑެންގީ" ގެ ނަމުގައި ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުން ނިމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިހާރު ސިއްހީ ދާއިރާގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖެއިން ޑެންގީ ނައްތާލުން ކަމަށެވެ.
ނަމަވެސް ވޭތުވެ ދިޔަ ދެ އަހަރު ވެސް 2،000 އަށް ވުރެ ގިނަ މީހުންނަށް ޑެންގީ ޖެހިގެން ރެކޯޑްކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަހުގެ 25-27 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމަކީ ޑެންގީ ބަލި ހުރިކަން ދެނެގަތުމަށް މިހާރު ހެދެން ހުންނަ ޓެސްޓުތަކުގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމާއި އެހީތެރިކަން ފޯރުކޮށް ދިނުމާ އެކު ޑެންގީ ޖެހިފައިވާކަން ކަށަވަރު ކުރެވޭ މީހުންނަށް ފަރުވާ ކުރުމުގެ ކަންކަން ހަރުދަނާ ކުރުމާއިބެހޭ ގޮތުން ކުރިއަށްގެން ދިޔަ ބައްދަލުވުމެކެވެ.