ފިލްމްގެ ޝޫޓިން ފަށަން ކުޑަތަންވެފައި ވަނިކޮށް އަބިޝެކް ބައްޗަން ދޫކޮށްލި ޖޭޕީ ދައްތާގެ ހަނގުރާމަމަތީ ފިލްމް "ޕަލްޓާން" އަށް ހާޝްވަރްދަން ރާނޭ ސޮއިކޮށްފި އެވެ.
އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގައި މަގުބޫލު ހާޝްއަކީ 2015 އަހަރު "ސަނަމް ތޭރީ ކަސަމް" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރެކެވެ.
"ޕަލްޓާން" ގެ ޝޫޓިން އަށް ކާސްޓާއި ކްރޫ ލަޑަކަށް ގޮސްފައި ވަނިކޮށް އަބިޝެކް ފިލްމް ދޫކޮށްލީ އަމިއްލަ ބައެއް ސަބަބުތަކާ ހެދި ކަމަށްވެ އެވެ. އެހެން ނަމަވެސް އެއީ ކޮން ސަބަބުތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.
އޭނާ ބޮލީވުޑަށް 2000 ވަނަ އަހަރު ނިކުތީ ވެސް ދައްތާގެ ފިލްމަކުންނެވެ. އެއީ ކަރީނާ ކަޕޫރާ އެކު ކުޅުނު "ރެފިއުޖީ" އެވެ.
"ޕަލްޓާން" އަށް ހާޝް ސޮއި ކުރިކަން ދައްތާގެ ދަރިފުޅު ނިދީ ދައްތާ ކަށަވަރުކޮށް ދިން ނަމަވެސް، އޭނާ ސޮއި ކުރީ ސީދާ އަބިޝެން ދޫކޮށްލި ރޯލަށް ކަމެއް ކަށަވަރެއް ނުކޮށްދެ އެވެ.
ނިދީ ބުނީ ފަހުން އޭގެ ތަފުސީލް ހާމަ ކުރާނެ ކަމަށެވެ.
ބޮލީވުޑްގައި އުފެއްދި އެންމެ ކާމިޔާބު ހަނގުރާމަ ފިލްމް "ބޯޑަރު" ވެސް އުފެއްދި "ޕަލްޓާން" ގެ ކާސްޓުންގެ ތެރޭގައި ސުނިލް ޝެޓީ، ޖެކީ ޝްރޮފް، ޕުލްކިތު ސަމްރާޓް، ގުރުމީތު ޗައުދަރީ، ޖިމީ ޝެރްގިލް ސިދާންތު ކަޕޫރް، ސޯނޫ ސޫދް އަދި ލަވް ސިންހާ ފަދަ އެކްޓަރުން ހިމެނެ އެވެ.
މި ފިލްމް ބިނާކޮށްފައި ވަނީ 1962 ގައި އިންޑިއާ އާއި ޗައިނާއާ ދެމެދު ހިނގި ހަނގުރާމައިގެ މައްޗަށެވެ.
"ޕަލްޓާން" ސިނަމާތަކަށް އަންނާނީ ފެބްރުއަރީ 3، 2018 ގަ އެވެ.