މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" އަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލް ޝޯއެކެވެ. މި ޝޯގެ ފަސް ސީޒަން މިހާތަނަށް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އިރު، މިއީ ބޮލީވުޑްގެ އެންމެ މަޝްހޫރު ސެލެބްރިޓީންނަށް ފުރުސަތު ލިބޭ ޝޯއެކެވެ.
ހާއްސަކޮށް މަޝްހޫރު ފިލްމީ ތަރިންނެވެ.
މީގެ ފަސް ވަނަ ސީޒަން މިދިޔަ އަހަރު ގެނެސް ދިނުމަށް ފަހު، ކަރަން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަން ގެނެސް ދޭނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އިއްޔެ ފާހަގަ ކުރި ބައިނަލްއަގްވާމީ ކޮފީ ދުވަހާ ގުޅިގެން "ކުޗް ކުޗް ހޯތާ ހޭ" ގެ ޑައިރެކްޓަރު ކުރި ޓްވީޓެއްގައި ބުނީ ކޮފީއަކީ ވަރަށް ގަޔާވާ އެއްޗެއް ކަމަށެވެ. އަދި ޓްވީޓް ނިންމާލާފައި ވަނީ "ސީޒަން ސިކްސް އެނީވަން؟" އިން ސުވާލު އުފައްދައިފަ އެވެ.
ކޮންމެއަކަސް ކަރަންގެ މި ޓްވީޓަކީ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަން ދެން މާ ލަސްތަކެއް ނުވެ އޭނާ ގެނެސްދޭނެކަން ކަށަވަރުކޮށް ދިން ޓްވީޓެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
#InternationalCoffeeDay….i may have changed the spelling …but the love for it remains…..season 6 anyone? ?????? pic.twitter.com/yulWovyd0K
— Karan Johar (@karanjohar) October 1, 2017
އެހެންވެ ހަމަ ޔަގީނުން ވެސް އެ ޝޯގެ ފޭނުން މިހާރު ވެސް ތިބީ ހަ ވަނަ ސީޒަން ދައްކަން ފަށާނެ އިރެއްގެ އިންތިޒާރުގަ އެވެ.
"ކޮފީ ވިތު ކަރަން" އެންމެ ބޮޑަށް މަޝްހޫރީ ތަރިން ލައްވައި އެ މީހުންގެ ބޮޑެތި ސިއްރުތައް ކަރަން ހާމަ ކުރުވާތީ އެވެ. މި ޝޯގައި ބައެއް ތަރިން މީގެ ކުރިން ދައްކާފައި ހުރި ބައެއް ވާހަކަތަކުން ބޮޑެތި ފާޑު ކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.
"ކޮފީ ވިތު ކަރަން 6" އެކު ކަރަން އަންނަން ތައްޔާރުވަމުން އަންނަ އިރު، އޭނާގެ ފިލްމެއް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު އެވެ. އެއީ "އޭ ދިލް ހޭ މުޝްކިލް" އެވެ.