ޗައިނާ އިން ފޭދޫ ސްކޫލަށް ބަހެއް ހަދިޔާކޮށްފި އެެވެ.
މި ބަސް މިހާރު ވަނީ މާލެ ގެނައުމަށްފަހު ފޭދު އަށް ގެންނަން އެމްޕީއެލްގެ އުޅަނދެއްގައި އައްޑު އަށް ރޭ ފުރުވާލައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) އާ ހަވާލާދީ އެހެން މީޑިއާއަކުން ބުނީ ޗައިނާ ސަރުކާރުން ފޭދޫ ސްކޫލަށް ހަދިޔާ ކުރި މި ބަހަކީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންފުކާންއާ ކުރެއްވި ބައްދަލުވުމެއްގެ ތެރެއިން އައިބީ ހުށަހެޅުއްވި ހުށަހެޅުމަކަށް ހަދިޔާ ކުރި ބަހެެއް ކަމަށެވެ.
އަދި ބަހެއް ހޯދައި ދެއްވަން މަސައްކަތްކޮށް ދެއްވުމަށް އައިބީ އަށް ހުށަހެޅި ފޭދޫ ސްކޫލްގެ ޕީޓީއޭ އިން ކަމަށް ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ޗައިނާ އިން ހަދިޔާ ކުރި ރީނދޫ ކުލައިގެ ބަހަކީ 30 މީހުންގެ ޖާގައިގެ ބަހެކެވެ. އަދި ބަސް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ފޭދު އަށް އަންނަ ވަރު ވާނެ އެވެ.
ފޭދޫ ސްކޫލަކީ ނާސަރީން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ.