އައްޑޫ ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު ޝަކުވާއަކީ ދިމާވެފައިވާ ކަރަންޓް މައްސަލަ އަށް ހައްލެއް ނުލިބި އާންމު ދިރިއުޅުމަށް ބުރޫއަރާފައިވުމެވެ.
ދުވާލެއް ރޭގަނޑެއް ނެތެވެ. ރައްޔިތުންނަށް އުޅެން މި ޖެހިފައި ވަނީ ކަރަންޓާ ނުލައި އުދާސް ބޮޑު އަދި ކަރަންޓް ކަނޑައިގެން ހިނގައިދާނެކަމުގެ އުދާސްތަކުގެ ދިލަ ހޫނުގެ ތެރޭގަ އެވެ. މި ހާލެއްގައި ރައްޔިތުން އުޅޭތާ މިހާރު ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވަނީ އެވެ.
މި މައްސަލަ އަށް މި ސަރުކާރަށް ހައްލެއް ހޯދައި ދެވޭ ތަނެއް ނުފެނެ އެވެ. ކަރަންޓް ކަނޑާލަންވީމާ އެކަން ކުރަނީ އެވެ. ރައްޔިތުންގެ އަގު ބޮޑު އިލެކްޓްރިކް ސާމާނު މިއޮތްގެން ހަލާކުވެގެން ދަނީ އެވެ. ޒިންމާ ވާނެ ފަރާތެއް ނެތެވެ.
ކަރަންޓްގެ މައްސަލާގައި ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ވެސް ސަރުކާރަށް ވަރަށް ބޮޑަަށް ފާޑު ކިޔަމުންނެވެ. މިއީ އޭގެ ތެރެއިން އެކެއްގެ ވާހަކަ އެވެ. އެކަމަކު މިއީ އައްޑޫގެ އެތައް ބަޔަކު މިހާރު މި ސަރުކާރާ ދޭތެރޭ އެންމެ ލުއިކޮށް ދެކޭ ގޮތެވެ.
"މީ ކޮންތި ސަރުކާރަށް؟ ކަރަންޓް ވައްޓާ ސަރުކާރަށް…" ކަރަންޓް ގޮސްފައި އޮއްވައި ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކޮށް އޭނާ ބުންޏެވެ.
ރައްޔިތުންގެ މިފަދަ ކިތަންމެ އުދާހެއް ހުއްޓަސް ބަޔަކަށް އަޑު އިވޭ ނަމަތަނާ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މާރިޔާ އަހުމަދުދީދީ ވިދާޅުވާހެން މިއީ ރައްޔިތުންތަކެއް ތިބިކަން ދަންނަ ސަރުކާރެއް ނޫނެވެ. ވެރިމީހާ ރައްޔިތުންނާ އެހާ ވެސް ދުރެވެ. އެހެންވީމާ ރައްޔިތުންގެ އަޑު ފޯރާނީ ކިހިނެއް ހެއްޔެވެ؟ މައްސަލަކީ މިއީ އެވެ.
އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި މިއަދުން ފެށިގެން ކޮންމެ ދުވަހަކު "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.